ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުތުމަށް ތައްޔާރަށް ތިއްބެވި ފަރާތްތަކަށް ސަރުކާރުން ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑު "ޑިސެބިލިޓީ އެވޯޑް" ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރު ކުންފުނިތަކާއި، މުޢައްސަސާތަކުގައި މިގޮތަށް މައްސަކަތްކުރެވޭނެ ކުދިންނާއި، މަސައްކަތްކުރަން ތައްޔާރަށް ތިބި ކުދިންނަށް އެފުރުޞަތު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ވަޒީފާގެ ފުރުޞަތު ނުލިބުންކަން ފާހަގަ ކުރައްވައި، މިފަދަ ފަރާތްތަކަށް ވަޒީފާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް، ވަޒީފާދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާދޭނެ ތަންތަން ހުރުމަކީ އެކުދިންނަށް ލިބޭ ފަރުވާގެ އެއްބައި ކަމުގައިވެސް ވިދާޅުވިއެވެ.
އިސްލާމީ މަރްކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު އޮތް ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ ފްލެޓަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާރކްސް ލިބުމުގައި ޚާއްޞަ ގޮތްތަކެއް މިއަދުން ފެށިގެން ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ 15 ޢާއިލާއަކަށް މިހާރުވެސް ސަރުކާރުން ޚާއްޞަ ފްލެޓް ދެއްވާފައިވާނެކަމަށާއި، މިއަހަރު ތެރޭގައި އިތުރު 15 ފްލެޓް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަދާކޮށްދޭންޖެހޭ ޒިންމާތައް އޮތީ ހަމައެކަނި ދައުލަތަށް، ނުވަތަ ވަކި ފަރުދަކަށް ނޫންކަމަށާއި، މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު"ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލައްވަމުން، ކިތަންމެ ފުރިހަމަ ޤާނޫނެއް އެކުލަވައިލެވުނު ކަމުގައި ވީނަމަވެސް، އެންމެ މުހިންމު ކަމަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކުލުނާއި، ލޯބި ދިނުން ކަމުގައި ވިދާޅުވިއެވެ. އަދި، މިއީ މުޖްތަމަޢުގެ އަމިއްލަ ފަރުދުން އަޅާލަންޖެހޭ ކަމެއްކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، މިކަން ޤަބޫލުކުރެވިގެންނޫނީ މިކަހަލަ ކަންތަކުގައި މަޙުރޫމްވެފައިވާ މީހުންނަށް އަޅާލުމަކީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަށަގަނެވޭނެ ސިފައެއްނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤާނޫނުތައް ލިޔެވިދާނެ ކަމަށާއި، އެހެންނަމަވެސް ޤާނޫނުތަކުގައި ލިޔެވިފައިވާ ކަންކަމަށް އަޙުލުވެރިވުމަކީ މިކަމުގައި އޮތް އެންމެ ބޮޑު ފަރުވާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެކި އެކި ފަންނުތައް ދެނެގަނެ، އެފަންނުތައް ކުރިއެރުވުމަށް އެހީތެރިވެދިނުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދޭނެ ފަރާތްތައް ތަމްރީނުކޮށް، މިރޮނގުން އިތުރު މީހުން ހޯދޭތޯ ދައުލަތުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދުގެ ޙަފްލާގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެގޮތުން ދެވޭ ޚާއްޞަ އެވޯޑު "ޑިސެބިލިޓީ އެވޯޑް" މިއަހަރު ލިބިވަޑައިގެންނެވި ފަރާތްތަކަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.