ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖެފް ކިއު.އެމް. ޑޮއިޖް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި، އެއްޤައުމު އަނެއް ޤައުމަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ރޮނގުން ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި މިބައްދަލުވުމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި، ދެކުނު އެފްރިކާގައި ގާއިމް ވެފައިވާ ޑިމޮކްރަސީގެ ނިޒާމުން ރާއްޖޭއަށް ލިބިގަނެވޭނެ އެތައް ފިލާވަޅުތަކެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ.

ދެކުނު އެފްރިކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެކުނު އެފްރިކާގެ ރައްޔިތުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއަށް ދެކުނު އެފްރިކާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން ދެކުނު އެފްރިކާގެ ސަފީރު ދެއްވިއެވެ.