ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ސްރީލަންކާގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގައި އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހި ރާއްޖެއާއި ސްރީލަންކާއާއި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ވަކިން ޙާއްޞަކޮށް، މިމަހުގެ ކުރީކޮޅު ސްރީލަންކާގައި ބޭއްވުނު މޯލްޑިވްސް-ސްރީލަންކްާ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ފާހަގަކުރައްވައި، އެ ބައްދަލުވުމުގެ ނިންމުންތައް އަވަހަށް ތަންފީޒުކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ފެށުނު އިންޓަރނޭޝަލް ކޮންފަރެންސް އޮފް އޭޝިޔަން ޕޮލިޓިކަލް ފާޓީސް (އައި.ސީ.އޭ.ޕީ.ޕީ) ގެ 8 ވަނަ ޢާންމު މަޖިލީހަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމުގައި ބަޔާންކުރައްވަމުން، މިފަދަ މުހިންމުު ބައްދަލުވުމެއް ކާމިޔާބު ކަމާއެކު ބޭއްވެވި ކަމަށްޓަކައި ރައީސް މަހިންދަ ރާޖަޕްކްސައަށާއި، ސްރީލަންކާގެ ސަރުކާރަށް މަރުޙަބާ ވިދާޅުވިއެވެ.

ރައީސް މަހިންދަ ރާޖަޕަކްސަގެ ވާހަކަފުޅުގައި، އައި.ސީ.އޭ.ޕީ.ޕީ ގެ 8 ވަނަ އާންމު މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ދެއްވެވި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި، ސްރީލަންކާއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރުއަދާކުރެއްވިއެވެ. ސްރީލަންކާގެ ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ޤައުމުގެ އިޤްތިޞާދު ފުޅާކުރެއްވުމަށްޓަކައި ރައީސް ޔާމީނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް ތަޢުރީފުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިއަހަރު ނޮވެމްބަރުމަހު ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ސާކްސަމިޓުގެ ތައްޔާރީތަކުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިމޭރުމުން، ސާކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ސާކަކީ މެމްބަރު ޤައުމުތަކުގެ ރައްޔިތުންނަށް ފައިދާކުރަނިވި ޖަމާޢަަތަކަށް ހެދުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ފޮރިން ސެކްރެޓަރީ މިސްޓަރ ޖީ.އެލް ޕެއިރިސްއާއި، ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ދަރްޝަނާ އެމް. ޕްރޭރާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ޑޮކްޓަރ ޙުސައިން ނިޔާޒް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ރައީސާއެކު ބޭއްވުނު ބައްދަލުކުރެއްވުމަށްފަހު، ސޯސަން ވިލާ ރިކްރިއޭޝަންސް އެންޑް ކަލްޗަރަށް ސެންޓަރަށް ވަޑައިގެން، އެތަނުގައި އެވަގަތު ތިއްބެވި ދިވެހި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލެއްވިއެވެ.