ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތް، މައިތްރިޕަލާ ސިރިސެނާ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހުއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ މިދިޔަ ޖޫން މަހު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭގޮތުން ވެވުނު އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން"ގެ ދަށުން އެއްބަސްވެވިފައިވާ ކަންކަން، އަވަސް މުސްތަޤްބަލެއްގައި ތަންފީޒު ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ސްރީލަންކާގެ ހެލްތް މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދިޔަ ހަފްތާގައި ސްރީލަންކާގައި ބޭއްވުނު، މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި، ސްރީލަންކާގެ ހޮސްޕިޓަލްތަކުން ދިވެހިންނަށް މިހާރަށްވުރެ ފުޅާކޮށް "އާސަންދަ"ގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނުކަން ފާހަގަ ކުރެއްވިއެވެ. އަދި، ދެޤައުމުގެ ދޭތެރޭ ވެވިފައިވާ އެއްބަސްވުމުގެ ދަށުން، ސްރީލަންކާގެ ހޮސްޕިޓަލްތަކުން ޚިދުމަތްހޯދާ ދިވެހިންނަށް ޚާއްޞަ އަގުތަކެއް ކަނޑައެޅުމާ ބެހޭގޮތުންވެސް ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ މިހާރު ހިނގަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުންކަން ފާހަގަ ކުރައްވަމުން، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންގެ ނުލިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއަށް ބޭނުންވާ ހޭނައްތާ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ހޯދުމުގައި ސްރީލަންކާގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ޞިއްޙީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން، ސްރީލަންކާ ސަރުކާރުން އަބަދުވެސް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަންގެ ދަށުން އެއްބަސްވެވިފައިވާ ކަންކަން ވަރަށް އަވަސް މުސްތަޤްބަލެއްގައި ތަންފީޒުކުރެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ، ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށަށް ގެންނަވައި، ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ސްރީލަންކާގެ ހެލްތް މިނިސްޓަރ މަރުޙަބާ ވިދާޅުވިއެވެ. އަދި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް، ޞިއްޙީ އެކިއެކި ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ސްރީލަންކާގެ ހެލްތް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާގެ މިނިސްޓްރީ އޮފް ހެލްތްގެ ސެކްރެޓަރީ ސުދަރްމާ ކަރުނަތްނަ އާއި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް، ޑޮކްޓަރ ޕީ.ޖީ. މަހިޕަލާ އާއި، ސީނިޔަރ އެސިސްޓެންޓް ސެކްރެޓަރީ ޑޮކްޓަރ ޗަމްޕިކާ ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ދިވެހިރާއްޖެއިން ސްރީކަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރާއި، ދިވެހިރާއްޖެއިން ސްރީކަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ޑޮކްޓަރ ޙުސައިން ނިޔާޒް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.