ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި، އިންޑިޔާގެ ބޮޑުވަޒީރު މޮދީ ފަދަ ޙިކުމަތްތެރި ބޭފުޅުންނަކީ، މި ސަރަޙައްދަށް ލިބިފައިވާ ބޮޑު ނަޞީބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގައި މިއަދު ފެށުނު އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް އޭޝިޔަން ޕޮލިޓިކަލް ޕާޓީސް (އައި.ސީ.އޭ.ޕީ.ޕީ)ގެ 8 ވަނަ އާންމު މަޖިލިސް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރަޙައްދުގެ ޤައުމުތަކާއި، ދުނިޔޭގެ އެހެން ޤައުމުތަކާއެކު ސިޔާސީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިން އޮންނަ ގުޅުންތައް އިތުރަށް ރަނގަޅުކުރުމަށް އެދެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރެއްވިއެވެ.

ސްރީލަންކާގެ ނިލަމް ޕޮކުނާ މަހިންދަ ރާޖަޕަކްސަ ތިއޭޓަރގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮންމެ މައްސަލައަކީ އެންމެން އެއްގަލަކަށް އަރާނެ ކަންކަން ނޫންކަމަށާއި، ޚިޔާލު ތަފާތުވި ނަމަވެސް، މި ތަފާތުތަކާއެކު އެކަކު އަނެކަކަށް އަބަދުވެސް އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވަކި ސިޔާސީ ޕާޓީއެއް، ނުވަތަ ވަކި ސިޔާސީ ފިކުރަކާ އެއްގޮތަށް ކުރެވޭ މަސައްކަތަކީ، ހަމަ ރައްޔިތުންނަށް ކޮށްދެވޭ ޚިދުމަތެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

21 ވަނަ ޤަރުނަކީ އެތައް ގޮތަކުން، އޭޝިޔާގެ ޤަރުނުކަން ފާހަގަ ކުރައްވަމުން، އޭޝިޔާގެ ތަރއްޤީއަށްޓަކައި މަސައްކަތްކުރެވެމުންދާ ދާއިރާތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އިޤްތިޞާދާއި، ވިޔަފާރީގެ ދާއިރާއާއި، އިޖްތިމާޢީ ދާއިރާގެ ކުރިއެރުމާއި، ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އައި.ސީ.އޭ.ޕީ.ޕީ ފަދަ ބައްދަލުވުންތަކުގެ ސަބަބުން، ސިޔާސީ ތަފާތު ފިކުރުތަކާއެކު މަސައްކަތް ކުރުމުގައި އޭޝިޔާއިންވެސް ދުނިޔޭގެ އެހެން ޤައުމުތަކާ އެއްވަރަށް މަސައްކަތް ކުރެވެމުންދާކަން ހާމަވެގެންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ފާގަތިކަންލިބޭނެ ތަރައްޤީގެ މަޝްރޫޢުތަކާއި، ޤައުމީ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، އެޤައުމެއްގެ ސިޔާސީ ޕާޓީތަކުން، އެޤައުމެއްގެ ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތްކުރުމަށް ސާކުގެ ހުރިހާ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި، މި ފަދަ ތަހުޒީބުކަމަކީ، ޑިމޮކްރަސީއަށް ރައްޔިތުންގެ އިތުބާރު އިތުރަށް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ސިޔާސީ ޕާޓީތަކުން އަބަދުވެސް، ކަންކަމުގައި މަޝްވަރާކުރުން އިސްކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ސަރަޙައްދުގެ ޤައުމުތަކުން އެއްޤައުމަކުން އަނެއް ޤައުމަކަށް އެއްބާރުލުންދީ، އެންމެންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތްކޮށްފިނަމަ، މިސަރަޙައްދަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުންވެސް އަރައިގަނެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ، ސާކް ޤައުމުތަކާއި، މި ބައްދަލުވުމުގައި ބައިވެރިވާ އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރަންޖެހޭ ވަގުތު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.