‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާއަށާއި، ސިންގަޕޫރަށް ކުރައްވާ ‏‏ރަސްމީ ދަތުރުފުޅެއްގައި ‏މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިކުރައްވާ ދަތުރުފުޅަކީ، އިންޓަރނޭޝަނަލް ‏‏ކޮންފަރެންސް އޮފް އޭޝިޔަން ޕޮލިޓިކަލް ޕާޓީސް (އައި.ސީ.އޭ.ޕީ.ޕީ)ގެ 8 ވަނަ އާންމު މަޖިލީހުގައި ‏‏ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރައްވާ ‏‏ދަތުރުފުޅެކެވެ.‏

‏އައި.ސީ.އޭ.ޕީ.ޕީ ގެ 8 ވަނަ އާންމު މަޖިލިސް އޮންނާނީ، ނިލަމް ޕޮކުނާ މަހިންދަ ‏‏ރާޖަޕަކްސަ ‏‏ތިއޭޓަރގައި، 19 ސެޕްޓެންބަރުވާ ހުކުރުދުވަހުއެވެ. މި މަޖިލިސް ހުޅުވުމުގެ ‏‏ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ‏

‏ސްރީލަންކާއަށް މިކުރައްވާ ދަތުރުފުޅަށްފަހު، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ‏‏ލޫންގގެ ދަޢުވަތަކަށް ސިންގަޕޫރަށް ވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ‏‏ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.‏