އައްޑޫސިޓީ ފޭދުއަކީ ބިން ފުރިފައި އޮތް، އާބާދީ ބޮޑު ރަށެއްކަމުގައި ވިދާޅުވެ، އެރަށް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާން ކުރެއްވީ، އައްޑޫސިޓީ ފޭދޫ ރަށްދެބައިމަގާއި، އެރަށު ބަނދަރު ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫސިޓީ ފޭދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި، ރަށްދެބައި މަގުގައި ތާރު އެޅުމަކީ ފޭދޫ ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫޢެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ފޭދޫގެ ބަނދަރު ސަރަޙައްދު ހެދުމާއި، އެރަށުގެ އެންމެ މުހިންމު މަގުގައި ތާރު އެޅުމާ ގުޅިގެން، ތަރައްޤީގެ ރޮނގުން ދެން ފުރިހަމަކުރަން އޮތް ކަންތައްތައް ފުރިހަމަ ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ކަންކަން ނުވެގެން ދިޔައީމަ ޒިންމާ އުފުލަންޖެހިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ޑިމޮކްރަސީގެ އުސޫލަކީ މުޢައްސަސާތަކާއި އޮފީސްތަކާ ކަންކަން ޙަވާލު ކޮށްގެން ކުރުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫސިޓީ ފޭދޫ ރަށްދެބައިމަގާއި، އެރަށު ބަނދަރު ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.