‏ ‏މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން އިންތިޒާމް ކުރައްވައިގެން ބާއްވަވާ "ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2014"، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ.

‏މި އެގްޒިބިޝަން ހުޅުއްވައިދެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ހޮޓެލް އޭޝިޔާ އެގްޒިބިޝަން ފަދަ ޙަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަަތުގެ ވިޔަފާރިއާއި ކުރިއެރުމަށް ހެޔޮ ފައިދާތަކެއް ކުރާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ޙިއްޞާކުރަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއިން ކަމުގައި ބަޔާންކުރައްވަމުން، މި ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ވިޔަފާރިއަށް ފަހި ވެށްޓެއް ދިވެހިރާއްޖޭގައި ޤާއިމުކުކޮށްދެއްވުމަކީ ސަރުކާރުން ޙާއްޞަ އިސްކަމެއްދެއްވާނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ހޯދާފައިވަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭފަދަ އަގުހުރި ކާމިޔާބީތަކެއްކަމަށާއި، މިއީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އެކަމަށްޓަކައި ފަޚުރުވެރިވާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ‏މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ‏ފަތުރުވެރިންނަށް ޙާއްޞަކޮށްގެން ރާއްޖޭގައި އިމާރާތްކުރެވޭ ހޮޓެލްތަކާއި ރިޒޯޓުތައް ފަރުމާކުރުމުގަޔާއި، އިޝްތިހާރުކުރުމުގައި ގެންގުޅޭ އުފެއްދުންތެރި ހިިޔާލުތަކުގެ ސަބަބުން، ދުނިޔޭގެ ހޮޓެލް އިންޑަސްޓްރީގައި ރާއްޖޭގެ ދައުރު ވަރަށް ފުޅާވެގެން ގޮސްފައިވާކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެއްޓަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، ޓުއަރިޒަމް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި ސިނާޢަތެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.