ޢުމްރާނީ ތަރައްޤީއާއި، އިޤްތިޞާދީ ތަރައްޤީ، ސަރުކާރުން ހޯއްދަވައިދެއްވިޔަސް، ރައްޔިތުންގެ ތެރޭގައި ހަމަޖެހުމެއް ނެތިއްޔާ، ޤައުމުގެ އިޤްތިޞާދަށް ހުއްޓުމެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ތަރައްޤީ ހޯއްދަވައިދެއްވުމުގައި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި މިއޮތް ހަމަޖެހުން ދެމިއޮތުން ކަމަށާއި، ހަމަޖެހުން ނެތިގެން ހިނގައްޖެނަމަ، ޤައުމުގައި ފެށިފައި މިއޮތް އިޤްތިޞާދު ހަލާކުވެގެން ދާނެކަމުގައި ވިދާޅުވިއެވެ. އަދި، ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ސަރުކާރުން ހިންގަވަނީ ވަރަށް ބޮޑެތި ހޭދަތަކެއް ކުރައްވައިގެންކަން ބަޔާން ކުރައްވަމުން، ރާއްޖެއަށް އެކި ޤައުމުތަކުން ޒިޔާރަތްކުރާ މެހްމާނުންނަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކަމޭހިތަން ދަސްކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ރަށްރަށުގައި ފެށިގެން ދިޔުމުގެ ބޭނުންފުޅަކީ، އެރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯއްދަވައިދެއްވުންކަމުގައި ވިދާޅުވިއެވެ. ޤައުމަކަށް ލިބޭ އެންމެ ވަރުގަދަ ނަޞީބަކަށްވާނީ، އެ ޤައުމުގައި ތިބި ރައްޔިތުންނަކީ، މަސައްކަތްކުރަން ދަންނަ ބަޔަކަށްވެގެން ދިޔުންކަން ފާހަގަ ކުރައްވަމުން، މި ސަރުކާރުގެ ވިސްނުންފުޅު ޚާއްޞަ ގޮތެއްގައި އޮތީ، އެކިއެކި ވަސީލަތްތަކުގެ ތެރެއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒުވާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް، މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މިވަގުތު ޒުވާނުންނަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަޒީފާގެ ފުރުޞަތު ތަނަވަސްވެފައި ނެތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ، ދިވެހި ޒުވާނުންނަށް ފަސޭހަކަމާއެކީ އާމްދަނީ ލިބޭނެ، އަދި ގެދޮރުވެރިވާނެ، ޢުމްރާނީ ވަސީލަތްތަކެއް ހުޅުމާލޭގައި ޔޫތު ސިޓީއެއް އުފައްދަވައިގެން ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ގެދޮރުގެ މަޝްރޫޢުތަކަކީ ތަރައްޤީގެ މަޝްރޫޢޫތަކުގެ އެއްބައިކަމަށާއި، އަނެއް ބަޔަކީ ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރުޞަތުތަކާއި، ޒުވާނުންނަށް މުނިފޫހިފިލުވޭނެ ޙަރަކާތްތަކެއް ހަމަޖައްސަވައިދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ބެހޭ ބިލަކީ ޚާއްޞަކޮށް އަތޮޅުތެރެއަށް ތަރައްޤީ ގެންގޮސްދެއްވުމަށްޓަކައި ސަރުކާރުން، ޤަނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ބިލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ މަސައްކަތްޕުޅުތައް ފެށްޓެވެން އޮތީ، މި މަސައްކަތްޕުޅުތައް ކުރެއްވޭނެ ގޮތް ޤާނޫނީ ގޮތުން ހޯއްދަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޤާނޫނީ ގޮތުން މި ޖާގަ މިއަދު ލިބެން ނެތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވާނެ އެންމެބޮޑު އެއްމަސައްކަތްޕުޅަކީ، ދިވެހިރާއްޖޭގައި ބިންގާ އެޅިގެން ހިނގާ ބޮޑެތި މަޝްރޫޢުތަކުގެ ޢަދުލު އިންޞާފުގެ ހުރިހާ މަރްޙަލާއެއް، ދިވެހިރާއްޖޭގައި ނިންމޭވަރަށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ހަރުދަނާކުރެއްވުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އިޤްތިޞާދީ ސަރަޙައްދުތައް ކަނޑައަޅައިގެން، އިޤްތިޞާދީ އާ މަސައްކަތްތައް އުފަންވެގެންދިއުމުން، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިގެން ދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. އަދި، ތަރައްޤީގެ ރޮނގުން ރާއްޖެ ދާން ބޭނުންވާ ހިސާބަށް ގެންގޮސްދެއްވުމަށްޓަކައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ހުރަސް ނާޅައި، ސަރުކާރަށް މި ފުރުޞަތު ދިނުމަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.