ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި 2013 އަހަރު މީރާއަށް އެންމެ ގިނައިން ފައިސާ ދެއްކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މީރާއިން ދެއްވާ 'ރަންލާރި އެވޯޑް" ލިބުނު ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އެވޯޑު ޙަވާލުކޮށްދެއްވައިފިއެވެ. މީރާގެ 4 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި 'ރަންލާރި އެވޯޑް' މިއަހަރު 11 ފަރާތަކުން ވަނީ ޙާޞިލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ސަރުކާރަކީ ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތައް ‏‏ފުއްދައިދޭ ވަސީލަތެއްގެ ގޮތުގައި އިޤްތިޞާދު ކުރިއަށްނެރިގެން މަސައްކަތްކުރާނެ ‏‏ސަރުކާރެއްކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އާ އުދަރެހަކަށް ‏‏ދަތުރުކުރުމަށް ކުރާ މަސައްކަތްކަމުގައި ފާހަގަކުރައްވަމުން، ސަރުކާރުގެ އިޤްތިޞާދު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިޤްތިޞާދު ފުޅާވެ، އާ ވައްތަރުގެ ޓެކްސްތައް ނަގަންފެށި، ޓެކުހުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ވިޔަފާރިއަށް ފަސޭހަ، ވިޔަފާރިއާއި ދޯޅު އާދަތަކެއް އޮންނަ ‏‏ސަރުކާރަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެއް އަމާޒުކަމުގައި ބަޔާންކުރެއްވިއެވެ. އަދި ސަރުކާރުން ބޭނުންވަނީ ބިދޭސީ ވިޔަފާރިތަކުގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނާވެސް ‏‏ރަޙުމަތްތެރި ވިޔަފާރީގެ ވެއްޓެއް ރާއްޖޭގައި ޤާއިމްކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.
ސަރުކާރުގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި ޒުވާނުންނަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ހަކަތަކަމަށް ވާއިރު، ޒުވާނުން ކުށްކުރާ މިންވަރު މަދުކުރުމަށް، ނުވަތަ ކުށަށް އަރައިނުގަނެވޭ ކަހަލަ ވެއްޓެއް ‏‏ޤާއިމުކުރުމަށް ސަރުކާރުގެ ހުރިހާ ދާއިރާތަކަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. މިގޮތުން، ‏‏ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސް ކޮށްދެއްވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވަވާކަމެއް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީ ހުރިހާ ފަރާތްތަކުން ހިތްހަމަޖެހުމުގެ ނޭވާއެއް ދިވެހި ޖައްވަށް ލަމުންދާ ވަގުތެއްގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށާއި، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާނެ ފައިސާ ތަފާތު އިޤްތިޞާދީ ވަސީލަތްތަކުން ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ އިސްތިޤްލާލަށް އަދި ސިޔާދަތަކަށް އެއްވެސް ބުރުލެއްނާރާނެކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް ދެއްވިއެވެ. މީގެއިތުރަށް، މިމަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ބާރުކަނޑުވާލައި، ދިވެހިރާއްޖެއިން ޢަމަލުކުރާ އުޞޫލުތަކަށް އެއްވެސް ކަހަލަ ބުރުލެއްނާރާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މި ޙަފްލާގައި، މީރާގެ 4 އަހަރުގެ އުސްއަލިތަކާބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅުންއޮތެވެ. މީގެއިތުރަށް، މީރާގެ އަހަރީ ރިޕޯޓާއި، ސްޓްރެޓެޖިކް ޕްލޭންގެ އިތުރުން، ޓެކްސްޕޭޔަރ ޗާޓަރވެސް މީރާގެ ފަރާތުން ވަނީ ނެރެދެއްވާފައެވެ.