ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙުމަދުގެ މަސްދުވަހުގެ މުސާރަ، ދިވެހި ރައްޔިތުންގެ ފަރާތުން ޣައްޒާގެ މުސްލިމު ރައްޔިތުންނަށް އެހީތެރިވުމަށް ޤާއިމުކުރެވިފައިވާ ޣައްޒާ އެހީގެ ފަންޑަށް ހަދިޔާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިކަން އިޢުލާނުކޮށްދެއްވީ، 'ހެލްޕް ގާޒާ – މަވެސް އެހީވާނަން' ގެ ނަމުގައި ދިވެހި މީޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޚާއްޞަ ޓެލެތޯންގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ބައްލަވައިގެންނެވި ޚާއްޞަ ޓީޝަރޓް، އެޙަރަކާތުގެ ސްޓިއަރިންގ ކޮމެޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކޮށްދެއްވުމަށް ހޮނިހިރު ދުވަހުގެ ރޭ މުލީއާގޭގައި ބޭއްވެވި ޚާއްޞަ ބައްދަލުކޮށްލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހީމް މުޢާޒް ޢަލީއެވެ.

ޚަބަރުފަތުރާ ވަޞީލަތްތަކަށް މަޢުލޫމާތު ދެއްވަމުން، ޣައްޒާގެ މުސްލިމް ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މަސްދުވަހުގެ މުސާރަ ހަދިޔާކުރެއްވުމަށް ނިންމަވައި، ޣައްޒާ އެހީގެ ފަންޑާ ޙަވާލުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ފަރާތްޕުޅުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުންވެސް ވަރަށް ދީލަތި އެހީފުޅެއް މިފަންޑަށް ހަދިޔާކުރައްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެމަނިކުފާނުގެ މަސްދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ދެއްވިކަން އިޢުލާންކޮށްދެއްވީ، 'ހެލްޕް ގާޒާ – މަވެސް އެހީވާނަން' ޓެލެތޯންގެ ޚާއްޞަ ލައިވް ކަވަރޭޖް ޝޯވގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިޝޯވގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންގެ ނަންފުޅުގައި ހެޔޮއެދިވަޑައިގަންނަވާ ފަރާތަކުން ބައްލަވައިގެންނެވި ޚާއްޞަ ޓީޝަރޓް، އެޙަރަކާތުގެ ސްޓިއަރިންގ ކޮމެޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙަވާލުކޮށްދެއްވިއެވެ.

ޣައްޒާގައި ޙާލުގައި ޖެހިފައިވާ މުސްލިމް ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިރައްޔިތުންގެ ފަރާތުން ކުރިއަށްގެންދާ ޙަރަކާތަށް އެހީގެ ގޮތުގައި މިހާތަނަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.