ރާއްޖޭގެ ނަޞްރާއި، ކާމިޔާބީއަށްޓަކައި ބޭނުންވަނީ އެކި ދާއިރާތަކުން ފަސޭހައިން ތަމްރީނުކުރެވޭނެ ފަދަ، ތަޢުލީމީ، އިޚްލާޞްތެރި މަސައްކަތްތެރިންނާއި، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރާނެ ހަރުދަނާ ސަރުކާރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން، ޕައިލެޓުން ތަމްރީން ކުރުމަށް ތަޢާރަފްކުރި ސްކޮލަޝިޕް "ޒުވާނާ" ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރޭޑަރޒް ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި، ޒުވާނުންނާ ނުލައި ދިރުމެއް ނެތްކަމަށާއި، ޒުވާނުންގެ ހުވަފެންތަކާއި އުއްމީދުތައް ހާސިލްކުރުމަށް މަގުފަހިކޮށް ނުދީ ޤައުމަށް ދިރުމެއް ނާންނާނެކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖެއަކީ ޤައުމެއްގެ ގޮތުގަޔާއި، އާބާދީއެއްގެ ގޮތުގަޔާއި، އަދި ސަރުކާރެއްގެ ގޮތުގައި، ޒުވާނުންނަށް ފާގަތިކަން ހޯދައިދިނުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއްދޭ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ މެނިފެސްޓޯއަށް އަލިއަޅުއްވައިލައްވަމުން، މިޤައުމުގެ އެންމެ މުހިންމު އެއްއަމާޒަކީ، ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންނަށް އެކި ކަހަލަ ފުރުޞަތުތައް ތަނަވަސްކޮށްދީ، ހަމަޖެހޭ ދިރިއުޅުމެއް ޒުވާނުންނަށް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޒުވާނުންނަށް މިފަދަ ތަމްރީނުގެ ފުރުޞަތެއް ތަނަވަސްކޮށްދެއްވައި، ރާއްޖެއަށް ފާގަތިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ދެއްވާ އެއްބާރުލުމަށްޓަކައި، ޓީ.އެމް.އޭ އަށާއި، ބްލެކްސްޓޯން ގްރޫޕަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއަކީ ހަމައެކަނި ޤުދުރަތީ ރީތިކަމުގެ އަޖައިބެއް ނޫން ކަމުގައި ވިދާޅުވެ، ރާއްޖޭގެ ތަރައްޤީއަށްޓަކައި އިޤްތިޞާދީ އެހެން ދާއިރާތައް ފުޅާކުރުމަށް ތަފާތު އެކި މަސައްކަތްތައް މިހާރު ސަރުކާރުން ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިއެވެ. މިގޮތުން، އިޤްތިޞާދީގޮތުން ޓޫރިޒަމަށް ބަރޯސާވުމުގެ ބަދަލުގައި، އިންވެސްޓްކުރާނެ އެހެން ސިނާޢަތްތައް ތަޢާރަފްކޮށް ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ކަމުގައި ވިދާޅުވިއެވެ. މިއަދުގެ ސަރުކާރަކީ ރައްޔިތުންގެ ތާއީދު އޮތް، ހަރުދަނާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދަވައިދެއްވަން މަސައްކަތް ކުރައްވާ ސަރުކާރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ސްކޮލަޝިޕް ލިބުނު ފަސް ފަރާތަށް ސްކޮލަޝިޕްގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.