‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް ސްވިޓްޒަރލެންޑް ‏‏ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ތޯމަސް ލިޗަރ، މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ‏‎ ‎‏އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި ‏‏ސްވިޓްޒަރލެންޑާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި ‏‏މަސައްކަތްޕުޅުތަކަށްޓަކައި މިސްޓަރ ލިޗަރއަށް ޝުކުރު އަދާކުރެއްވިއެވެ. ‏

ދިވެހިރާއްޖެއާއި ސްވިޓްޒަރލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށާއި، ‏‏މިގުޅުން އިތުރު ދާއިރާތަކުގައި ފުޅާކުރެއްވުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއާއި، ވިޔަފާރިއާއި އިޤްތިޞާދުގެ ‏‏ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވިދާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ‏

‏ސްވިޓްޒަރލެންޑް ސަފީރުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ‏‏މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ‏‏ރައްޔިތުން 5 އަހަރު ދުވަހަށް އިންތިޚާބު ކުރި އާ ސަރުކާރަށް، ސްވިޓްޒަރލެންޑު ސަރުކާރުން ‏‏އަބަދުވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ ‏‏މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏