ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހީމް ބައްދަލުކުރައްވައި، ޢީދުގެ ސަލާން ކުރައްވައިފިއެވެ. ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 9.30 އިން 11:00 އަށް ސަލްޓަން ޕާރކްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ޢީދުގެ ސަލާން ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދުގެ ސަލާން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ޙާޒިރުވިއެވެ.