‏‎ ‎‏ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމަކަށް ހެއްދެވުމަށްޓަކައި ‏‏‏ސަރުކާރުން އަޅާ ކޮންމެ ‏‏ފިޔަވަޅެއް އަދި ހިންގާ ކޮންމެ މަޝްރޫޢެއް ނުވަތަ ޙަރަކާތެއް ‏‏ހިންގާނީ، ‏‏އެކަމުގެ ސަބަބުން ޤައުމުގެ ‏‏މިނިވަންކަމަށާއި އިސްތިޤްލާލަށް އެއްވެސް ބުރުލެއް ‏‏ނާރާނެ ގޮތަށްކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމް ‏ވިދާޅުވެއްޖެއެވެ. ‏އެމަނިކުފާނު މިހެން ވިދާޅުވީ، ‏‏ރާއްޖޭގެ 49 ވަނަ ‏‏މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ޖުމްހޫރީ ‏‏މައިދާނުގައި ބޭއްވެވި ޚާއްޞަ ‏‏ރަސްމިއްޔާތުގައި ދިވެހި ‏‏ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏މިއަދު ޤައުމަށް އަންނަ ޙަމަލާތަކުގެ ބަޑިބޭހަކީ، ‏‏‏އިޤްތިޞާދީ ގޮތުން ދަތިކުރުމާއި، ރައްޔިތުން ‏‏ފަޤީރުކަމުގެ ތެރެއަށް އެއްލާލުންކަމުގައި ވިދާޅުވިއެވެ. އަދި ‏‏‏އިޤްތިޞާދީ ގޮތުން ޤައުމު ނިކަމެތިކުރުމަށް ‏‏މަސައްކަތްކުރުމަކީ، މިނިވަންކަން ނަގާލުމަށް ކުރެވޭ ‏‏‏މަސައްކަތެއްކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް ‏‏‏ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް ނުވަތަ ސްޕެޝަލް އިކޮނޮމިކް ‏‏‏ޒޯންތަކެއް ޤާއިމުކުރުމަކީ، ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރުގެ ވަރަށް މުހިންމު އަމާޒެއްކަމުގައި ‏‏‏ވިދާޅުވިއެވެ. އަދި، މިކަމާބެހޭ ބިލު ޤާނޫނަކަށް ވެގެން އައުމުން، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ‏‏ލިބި، ‏‏‏ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެކަމުގައި ވިދާޅުވިއެވެ. މިއާއެކު، ވަޒީފާގެ ‏‏‏ފުރުޞަތުތައް ‏‏އިތުރުވެ، ރާއްޖޭގެ އިޤްތިޞާދު، ފަތުރުވެރިކަމަށް ބިނާވެފައި އޮތްއޮތުން ކުޑަކުރެވި، ‏‏‏ރާއްޖޭގައި ‏‏ވިޔަފާރިއާއި ޞިނާޢީ ޙަރަކާތްތައް ފުޅާވެގެންދިއުމުގެ އިތުރުން، ރާއްޖޭގެ އުފެއްދުންތެރިކަން ‏‏‏އެތައް ‏‏ގުނައަކަށް އިތުރުވެ، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެކަމުގައިވެސް ‏‏‏އެމަނިކުފާނު ފާހަގަކުރެއްވިއެވެ.‏‎
‏‎
‏ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު އައުމާއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ‏‏ފުޅާކޮށް ‏‏ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ ‏‏މަޝްރޫޢުތަކުގެ މައްޗަށް ‏‏އެމަނިކުފާނުގެ ‏‏ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ‏ މިގޮތުން، އިހަވަންދިއްޕޮޅު އިންޓަރގްރޭޓެޑް ‏‏ޑިވެލޮޕްމަންޓް ‏‏ޕްރޮޖެކްޓް ނުވަތަ އައިހެވަން މަޝްރޫޢަކީ، ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް ބޮޑު ‏‏ތަރައްޤީއެއް ގެނެސް، ‏‏އުތުރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ ރައްޔިތުންގެ ‏‏ތަނަވަސްކަން އިތުރުކޮށްދޭނެ، ‏‏އުތުރުގެ ތަނަވަސްކަމުގެ މައި ދޮރޯށިކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ބަޔާންކުރެއްވިއެވެ.‏

‏މީގެއިތުރުން، އައްޑޫ ސިޓީ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގައި ‏‏‏‏ވިޔަފާރިއާއި، އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި ގަން އިންޓަރނޭޝަނަލް ‏‏އެއަރޕޯޓާއި، ހިތަދޫ ‏‏‏ސަރަޙައްދީ ބަނދަރުގެ ފެންވަރުމަތިކޮށް، އެތަނުގައި އިޤްތިޞާދީ ‏‏ހަރަކާތްތައް އިތުރުކޮށް އެތަންތަން ‏‏‏ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ‏‏އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏‏ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ‏އިބްރާހީމް ނާޞިރު ‏‏‏އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ‏‏މަޝްރޫޢެއް މިހާރު ފަށާފައިވާއިރު، ‏ސަރަޙައްދީ ވައިގެ ‏‏‏ބަނދަރުތައް ތަރައްޤީކޮށް، އިތުރު ވައިގެ ބަނދަރުތަކެއް ޤާއިމުކުރުމުގެ ‏‏މަސައްކަތްވެސް ދަނީ ‏‏‏ކުރެވެމުންކަމުގައި ވިދާޅުވިއެވެ.‏

‏ޒުވާނުންނާއި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ހަމަޖެހުމަށްޓަކައި ‏‏ޒުވާނުންނަށް ފަހި ‏‏‏މުޖުތަމަޢެއް ބިނާކުރުމުގެގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ‏‏‏ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ހުޅުމާލޭގައި ‏ބިނާކުރުމަށް ‏‏‏ހަމަޖެހިފައިވާ ޔޫތުސިޓީ ވެގެންދާނީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި، މުނިފޫހިފިލުވުމާއި ‏‏‏‏އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނެ ނާރެހަކަށް ކަމުގައި ބަޔާންކުރެއްވިއެވެ. ‏

‏ ‏ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަސް، ‏‏‏ގަންނަ ‏‏ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފައްދައި މަސްވެރިކަން ހަލާކުކުރުމަށް ވަކިފަރާތްތަކަކުން ‏‏‏‏ކުރަމުން ގެންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުށްވެރިކުރެއްވިއެވެ. މިރޮނގުން ‏‏‏ވާހަކަފުޅު ދައްކަވަމުން، ‏ދިވެހި ރައްޔިތުން ފަޤީރުކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ބަލިކޮށް، ‏‏‏ޞުލްޙަވެރި ޒުވާން ޖީލެއް ބިނާކޮށް، ދިވެހިންނަށް ތަނަވަސްކަން ހޯދައިދިނުމުގައި މި ސަރުކާރު ‏‏‏ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދެއްވެވިއެވެ.‏