‏‏ރާއްޖޭގައި މިއޮތް ހަމަޖެހުން، ސިޔާސީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ‏‏ނަގައިނުލުމަށް ‏‏ރާއްޖޭގެ ‏‏ރައްޔިތުންނަށާއި، ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ‏‏ޕާޓީތަކަށާއި، ސިޔާސީ ‏‏ވެރިންނަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް‏‎ ‎‏ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ‏‏މިކަމަށް އިލްތިމާސް‏‎ ‎‏ކުރެއްވީ ރާއްޖޭގެ 49 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ޖުމްހޫރީ ‏‏‏މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ‏‏ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

‏‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު މިނިވަންކަމުގެ އުފާ ޙާޞިލު ‏‏ކުރަމުންދާއިރު، ޤައުމުގައި މިވަނީ ‏‏އަމަންއަމާންކަން ޤާއިމުކުރެވިފައި ކަމުގައި ފާހަގަކުރައްވަމުން، ‏‏މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ރާއްޖެ ދަތުރުކުރަމުން މިދަނީ، ‏‏ތަރައްޤީގެ އާ އުދަރެހަކަށް ކަމުގައި ‏‏ވިދާޅުވިއެވެ. އަދި، ‏ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަނީ ‏‏‏މުޖުތަމަޢުގައި ނުތަނަވަސްކަމުގެ އުދާސް އުފައްދައިގެންކަމަށާއި، ސިޔާސީ ބޭނުމުގައި އުފަންކުރުވާ ‏‏އުދާސްކަން މިނިވަންކަމަށް އަސަރުފޯރާ ހިސާބަށް ‏‏ގެންގޮސްފައިވާތަން ދިވެހި ތާރީޚުގައި ފެނިގެން ‏‏ގޮސްފައިވާކަމުގައި ވިދާޅުވިއެވެ. އަދި ޤައުމު ހަމަޖެހުމުގެ ނޭވާއެއްލަމުންދާ މިދަނޑިވަޅުގައި، ޤައުމު ‏‏ހަލަބޮލި ‏‏ކަމުގެ ތެރެއަށް ސޮއްސާލުމަށް އެމަނިކުފާނުގެ ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި ‏‏ވިދާޅުވިއެވެ. ‏

‏"‏ ‏ރައްޔިތުންގެ ރުހުމާއި ލޯބި ހޯދުމުގައި ކާމިޔާބީ ޙާޞިލު ނުވުމަކީ، ޤައުމު ނަފްރަތާއި ‏‏ޙަސަދައިގެ ‏‏ފުންވަޅުގަނޑަށް ވައްޓާލަންޖެހޭ ސަބަބެއްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.‏" ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި،‏ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ، ބޮޑެތި ‏‏ޤުރްބާނީތަކެއްވެގެން ކަމުގައި ފާހަގަކުރައްވަމުން، ‏ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ‏‏ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރެއްވި ޤައުމީ ‏‏އަބްޠާލުންނާއި، ދިވެހިރާއްޖެ އެކިދުވަސްވަރު ބޭރުގެ ‏‏އިސްތިޢުމާރުގެ އަތްދަށުން ‏‏ސަލާމަތްކޮށްދެއްވުމަށް، ޤައުމީ ބަޠަލުން ކުރެއްވި މަތިވެރި ޖިހާދުގެ ‏‏މަތިންވެސް ހަނދާންކޮށް، ‏‏ ‏ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެބޭފުޅުންނަށް ޙައްޤުވެގެންވާ ‏‏ޝުކުރާއި ތަޢުރީފު އަދާކުރެއްވިއެވެ.‏

‏"ރާއްޖެ ފުރިހަމަ މިނިވަން ދައުލަތަކަށްވީ، ރާއްޖޭގެ މައްޗަށް އިސްތިޢުމާރީ ނުފޫޒު ‏‏ހިންގަމުން ގެންދިޔަ ބޭރުގެ ބާރުތަކާ ހަނގުރާމަކޮށްގެނެއް ނޫން. އެހެން ނަމަވެސް، މާތްﷲގެ ހެޔޮ ‏‏ރަޙްމަތްފުޅާއި، އެކަލާނގެ އިރާދަފުޅުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ، ބޮޑެތި ‏‏ޤުރްބާނީތަކެއްވެގެން." ‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

‏ ‏ސަރުކާރުގެ އެންމެ އިސް މަސްއޫލިއްޔަތަކީ އަދި ވާޖިބަކީ، މާތްވެގެންވާ އިސްލާމްދީން ‏‏ޙިމާޔަތްކުރުމާއެކު، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން ކަމުގައި ބަޔާންކުރައްވަމުން، މިނިވަންކަން ‏‏ދެމެހެއްޓުމުގެ އަސާސަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ފުދުންތެރިކަންކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ‏‏ވާހަކަފުޅުގައި ‏ފާހަގަކުރެއްވިއެވެ.‏ އަދި ސަރުކާރުގެ ޢަޒުމަކީ، ދިވެހި މުޖުތަމަޢަކީ ޞުލްޙަވެރި ޒުވާން، ‏‏ތަޢުލީމީ، ތަހުޒީބު މުޖުތަމަޢަކަށް ހެދުންކަމުގައި ވިދާޅުވިއެވެ.‏

‏މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްކެވި ވާހަކަފުޅުގައި، ‏ދައުލަތަކަށް ފުރިހަމަ މިނިވަންކަން ލިބުމަކީ، އެ ދައުލަތުގެ ރައްޔިތުންނަށް ‏‏‏ލިބޭނޭ އެންމެބޮޑު ހިތްހަމަޖެހުންކަމުގައި ވިދާޅުވެ، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން، ‏‏‏މިނިވަންކަމަށްޓަކައި ކުރަމުންދާ މަތިވެރި ޖިހާދުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.‏ މިރޮނގުން، ‏‏އިޒުރޭލުން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ޙަމަލާތަކުގައި، ވަރަށްގިނަ ‏‏ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މަރައި، ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތައް، ސަރުކާރުން ‏‏ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށާއި، އަދި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ދުނިޔޭގެ ‏‏ބާރުގަދަ ޤައުމުތަކުން އިސްނަގައިގެން، އ.ދގެ އެހީތެރިކަމާއެކީގައި، އަވަސް މަސައްކަތްތަކެއްކޮށް، ‏‏ޔަހޫދީން، ތަކުރާރުކޮށް ފަލަސްޠީނަށް ދެމުން ގެންދާ ޢުދުވާނުތަކަށް ހުއްޓުމެއް ގެންނަންޖެހޭ ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏