‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ‏އަރިހަށް، ދުބާއީ ޕޯޓްސް ‏‏ވަރލްޑް (ޑީޕީ ވަރލްޑް)ގެ ޗެއަރމަން، ސުލްތާން އަޙުމަދު ބިން ސުލެޔަމް، ‏ މިއަދު އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ.‏

‏‏މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މި ބައްދަލުކުރެއްވުމުގައި، ޑީޕީ ވަރލްޑުގެ ފަރާތުން ދުބާއީއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ‏‏ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު އެކުންފުނީގެ ޗެއަރމަން، ރައީސުލްޖުމްހޫރިއްޔާއާ ‏‏ހިއްޞާކުރެއްވިއެވެ. އަދި، ސަރުކާރުން ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ‏‏ހިންގުމަށްޓަކައި، ޑީޕީ ވަރލްޑުގެ ތަޖުރިބާއިން ދިވެހި ސަރުކާރަށް އެހީތެރިކަން ހޯއްދެވިދާނެ ‏‏ގޮތްތަކާބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

‏މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ ‏‏އަމީނާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ޞަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ‏‎.‎‏ ‏