ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 3 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ބައިވެރިވެވަޑައިގެންނެވިއެވެ.
ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން" ގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ މަރްޔަމް ޝަކީލާއާއި، ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޖީ.އެލް. ޕީރިސްއެވެ. ސްރީލަންކާގެ އިންވެސްޓްމަންޓް ބޯޑާއި، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުން، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ސްޓްރެންތަނިންގ ކޯޕަރޭޝަން ބިޓްވީން ބޯޑް އޮފް އިންވެސްޓްމަންޓް އޮފް ޝްރީލަންކާ އެންޑް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އޮފް މޯލްޑިވްސް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދާއި، ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޖީ.އެލް. ޕީރިސްއެވެ. ހާލުގައި ޖެހޭ މީހުން ހޯދުމާއި، ސަލާމަތްކުރުމާބެހޭ އެއްބަސްވުން، "އެރޭންޖްމަންޓް އޮން ސަރޗް އެންޑް ރެސްކިއު" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޖީ.އެލް. ޕީރިސްއެވެ.