ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތައް، ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، 10 މިނިޓަށްވުރެ ގިނައިރު މަޑުކުރަން ނުޖެހޭގޮތަށް ފެރީގެ ނިޒާމުގެ ކަންތައްތައް، ރަމަޟާން މަސް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުޅުމާލޭ ރައްޔިތުންގެ ފަރާތުން ހުޅުމާލޭ ޣާޒީ ސްކޫލްގައި ރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަމަޟާން މަސް ކައިރިވަމުން އަންނައިރު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެބޮޑު ދައްޗެއް ކުރިމަތިވެފައިވަނީ، ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ކަމަށާއި، މިކަން ޙައްލުކުރުމަށްޓަކައި ރަމަޟާން މަސް ފެށުމުގެ ކުރިން ފެރީތައް އިތުރުކުރުމުގެ މަސައްކަތް، އެމް.ޓީ.ސީ.ސީ. އިން ކުރަމުންގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހުޅުމާލެ ހިއްކުމުގެ ވިސްނުންފުޅަކީ، ރައީސް މައުމޫންގެ ވިސްނުންފުޅެއް ކަމަށާއި، ހުޅުމާލެއާ ދޭތެރޭ ސަރުކާރުން ދެކެވަޑައިގަންނަވަނީ އުންމީދުގެ ރަށެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ޒުވާނުންނަކީ، ރާއްޖޭގެ އުންމީދު ކަމަށާއި އަދި އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދޭ ގިންތިއެއްގެ ގޮތުގައި އަދި އެންމެ ޚާއްޞަ ސަމާލުކަމެއްދޭ ގިންތިއެއްގެ ގޮތުގައި ބަލައިގަންނަނީ، ޒުވާނުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިރާދަކުރެއްވިއްޔާ، ޒުވާނުންގެ ސިޓީ ހުޅުމާލޭގައި ހައްދަވާނެ ކަމަށް ވިދާޅުވެ، އެކަމުގެ ޔަޤީންކަން، ރާއްޖޭގެ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށާއި، ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިއަންނަ އަހަރުގެ ނިޔަލަށްދާއިރު، 200 ހެކްޓަރަށްވުރެ ބޮޑު ބައެއް ހިކިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއީ މިހާރު އޮތް ހުޅުމާލެއަށްވުރެ ބޮޑު ސަރަޙައްދެއްކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ހުޅުމާލެއަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލެވެ. ދިވެހި ޒުވާނުންގެ މުސްތަޤްބަލެވެ. ހުޅުމާލެއަކީ ތަރައްޤީގެ ނާރެހެވެ. މި ސަރަޙައްދުގެ ތަރައްޤީ އޮތީ ހުޅުމާލެއާ ގުޅިފައެވެ.