ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ހުންނަ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ‏މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، އެ ހޮސްޕިޓަލްގެ މަސައްކަތްތައް ‏‏ހިނގަމުންދާ ‏‏ގޮތް ބައްލަވާލައްވައިފިއެވެ.‏

ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ހޮސްޕިޓަލްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، މިހާރު އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަން އޮޅުންފިލުއްވައި، އެ ކަންކަން ޙައްލު ކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމަކީ، މިހާރުން މިހާރަށް ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންތައް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން، މިއީ ވަޒީފާއެއްކަމަށް ދެކިވަޑައިނުގެން، އޯގާތެރިކަމާއެކީގައި ޚިދުމަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތިނަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ދެން ވަޑައިގަތީ އެ އަތޮޅު ފަރެސްމާތޮޑާއަށެވެ. އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު، ފަރެސްމާތޮޑާ ސްކޫލަށް ވަޑައިގެން، އެ ސްކޫލްގެ އިސްވެރިންނާއި ޓީޗަރުންނާ ބައްދަލުކުރެއްވިއެވެ.