بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމް، އެ މިނިސްޓްރީގެ ޢިއްޒަތްތެރި ވެރިން، ވަޑައިގެން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންނާއި، އިސްވެރިންނާއި، މިއަހަރު ފެހިފަތް ޙާޞިލު ކުރެއްވި އެންމެހާ ފަރާތްތަކާއި، މި އިޙްތިފާލް އަޑުއައްސަވައި އަދި ބައްލަވަމުން ގެންދަވާ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،


މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ރަސްމިއްޔާތަކީ، ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން ބޭއްވޭ އިޙްތިފާލެއް. މިދުވަސް އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމާއެކީގައި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށް، ރާއްޖޭގައި ރަމްޒީގޮތުން މިކަމަށްޓަކައި ދެވޭ އިނާމެއް ދިނުން، ދުވަސްކޮޅަކަށް މެދުކެނޑުމަށްފަހު، އަލުން އެކަން ފެށުމުގެ ގޮތުން.

ރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ތިމާވެށްޓަށް ބަރޯސާކޮށްގެން، ތިމާވެށީގެ ރީތިކަމާއި، މާޙައުލުގެ ރީތިކަމުގެ މައްޗަށް ބަރޯސާވެ، ތަރައްޤީވަމުންދާ ޤައުމަކަށްވީހިނދު، 1995 ވަނަ އަހަރު ތިމާވެށި ޙިމާޔަތް ކުރުމުގެ މުހިންމުކަން ގަބޫލުކޮށް، ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ އަދި ރާއްޖޭގެ ވެށި ސަލާމަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް، ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި، މިމަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، މި އިނާމު އެންމެ ފުރަތަމަ ތަޢާރުފް ކުރެއްވި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންގެ ޙައްޤަށްޓަކައި ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އެމަނިކުފާނު ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް އެމަނިކުފާނަށް އަދާކުރަން.

ޝައްކެއްނެތް، މިއަދުގެ މި އިޙްތިފާލު ރަމްޒުކޮށްދެނީ، ތިމާވެށީގެ މުހިންމުކަމާއި އަދި ތިމާވެށި ޙިމާޔަތް ކުރުމުން، އެންމެހާ އިންސާނުންގެ މަންފާއާއި ލާބަ، އެކަމުގައި ހިމެނިގެންދާ މިންވަރު. ރާއްޖޭގެ ޞިނާޢީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ އަޅުގަނޑުމެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާއިރުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަކީ، އެއީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން މިވަނީ ގަބޫލުކޮށްފައި. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ޞިނާޢީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާއިރުގައި، ރާއްޖޭގެ ރައްޔިތުން އިތުރަށް ތިމާވެށި ޙިމާޔަތް ކުރުމާއި ރައްކާތެރި ކުރުމަށްޓަކައި ހޭލުންތެރި ކުރުމުގެ މުހިންމުކަން ބޮޑުކަންވެސް އަޅުގަނޑު ފާހަގަކުރަން.

އަޅުގަނޑު އުފާކުރަން، މިއަދު [ފެހިފަތް] ޙާޞިލު ކުރެއްވި ފަރާތްތަކުން ދެންމެ، މި ވީޑިއޯގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަދައިން، ވަރަށް ރަނގަޅު، ވަރަށް ކާމިޔާބު މަސައްކަތްތަކެއް އެވަނީ ކުރައްވާފައި. އެންވަޔަރަންމަންޓް މިނިސްޓަރ ދެންމެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި. މިއަދުގެ މިދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ ކީއްވެގެންތޯ. އެކަމަށްޓަކައި އަޅުގަނޑު ޝުކުރު އަދާކުރަން. އެކަމަކު އެޔާއެކީގައި، ބަދަލުވަމުންމިދާ ދުނިޔޭގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އާދަކާދައިގެ ތެރެއިން އަދިވެސް ވަރަށްގިނަ ކަންތައްތަކަކީ، އަޅުގަނޑުމެން އިތުރަށް ސަމާލުކަންދީފި ކަމުގައިވާނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން ދިރިއުޅޭ ވެށީގެ ޢާންމު ޞިއްޙަތުގެ ޙާލަތު ރަނގަޅުވެގެންދާނެ ކަންތައްތައް. ވަރަށް ކުދިކުދި އާދައިގެ ކަންތައްތަކުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންކުރާ ހަކަތައިގެ މިންވަރު ސަލާމަތް ކުރެވޭނެ. އަޅުގަނޑުމެންގެ ވެށްޓަށް ލިބެމުންދާ ގެއްލުމުން އަޅުގަނޑުމެންނަށް ރައްކާތެރިވެވިދާނެ. އަޅުގަނޑުމެން މިއަދު މިދުވަސް ފާހަގަކުރަމުންދާއިރު، މިކަންތައްތަކުގެ މައްޗަށް ހޭލުންތެރިވުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.

ސާފު ވަޔަކީ އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދުގެ ދުނިޔޭގައި ވަރަށް އަގުބޮޑު އެއްޗެއް. ސާފު ވައި ލިބިގަތުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑު ދެކޭގޮތުގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް ކުރާ މަސައްކަތް، ތިމާވެށްޓަށް އިތުރަށް ރައްކާތެރިވުން. ގަސްތައް ކެނޑުން މަދުކުރުން. ގަސް އިންދުން އިތުރުކުރުން. ބިންމައްޗަށް ނޭދެވޭ ތަފާތު ތަކެތި އެޅުމާ، މިފަދަ ކަންތައްތަކުން އެއްކިބާވެގަތުން. ސާފު ވައި ލިބުމާއެކީގައި، ސާފު ފެނަކީވެސް އިންސާނުންނަށް ވަރަށް މުހިންމު ވަސީލަތެއް. އަޅުގަނޑުމެންގެ ތެރޭގައި، ޚާއްޞަކޮށް، ރާއްޖެއަކީ މިއަދުވެސް ސާފު ފެން ރާއްޖޭގެ ރައްޔިތުންނަށް ލިބުމުގައި، ވަރަށްބޮޑު ގޮންޖެހުމެއް ދިމާވެފައިވާ ޤައުމެއް. އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް، ތަފާތު ސަރުކާރުތަކުން އަދި މިއަދުގެ ސަރުކާރުންވެސް ދަނީ ކުރެވެމުން. އެންވަޔަރަންމަންޓް މިނިސްޓަރ އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި އާދަކާދައިގެ ތެރެއިން މިއަދުވެސް ވަރަށްގިނަ ކަންތައްތަކެއް ކޮށްފި ކަމުގައިވާނަމަ، މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ އެތައް ކަންތައްތަކެއް އެބަހުރި. ތަށި ދޮންނަ ހިސާބުން ފެށިގެން، އަޅުގަނޑުމެން ލޯންޑްރީއަށް ތަކެތިއެޅުމާ ހިސާބުން ފެށިގެންވެސް އަޅުގަނޑުމެންގެ ވިސްނުން ރަނގަޅަށް ގެންގުޅެފި ކަމުގައިވާނަމަ، ފެން ސަލާމަތް ކުރެވޭނެ މަގު އަޅުގަނޑުމެންނަށް ހޯދިދާނެ. ހަމައެޔާއެކީގައި، ބޭނުމެއް ނެތްގޮތަށް، އަޅުގަނޑުމެން ފެން އިސްކުރު ދޫކުރުމާ، މިފަދަ ކަންތައްތަކުން ކުދިންނާއި، މުޖުތަމަޢުގެ ޢާންމު ފަރުދުން ހޭލުންތެރިކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި މުހިންމު ކަމެއް.

ސާފު މާޙައުލަކީ އަޅުގަނޑުމެން އިންސާނުން މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންތައް. މިކަމަށްޓަކައި ދެންމެ އިވިގެންދިޔަ ފަދައިންވެސް ރީސައިކްލް ކުރުމާއި، އަޅުގަނޑުމެން ދެވަނަފަހަރަށްވެސް އެއްޗެހިތައް ބޭނުންކުރުމާ އަދި ހަމައެޔާއެކީގައި ކަރުދާސް ބޭނުންކުރުމުގައި، ކަރުދާހުގެ ދެފަޅިވެސް ބޭނުންކުރުމާއި، ބެޓެރީފަދަ ތަކެތި ބޭނުންކުރުމުގައި ރީޗަރޖެބަލް ބެޓެރިއަށް ވާސިލުވުމާ، މިފަދަ ކަންތައްތަކަކީ މިއީ ކުދިކުދި ކަންތައްތައް ކޮށްގެންވެސް އަޅުގަނޑުމެންނަށް ބޮޑެތި ނަތީޖާ ޙާޞިލު ކުރެވިދާނެ ކަންތައްތައް ކަމަށް އަޅުގަނޑު ދެކެން.

ޢިއްޒަތްތެރި ޙާޒިރީން، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން:

ދިވެހިރާއްޖެއަކީ ތިމާވެށި ޙިމާޔަތް ކުރުމުގައި، ނިމިގެންދިޔަ އެކިއެކި ސަރުކާރުތަކުންވެސް ދުނިޔޭގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއްކޮށް، ޤުރްބާނީތަކެއް ވެފައިވާ އަދި ޤުރްބާނީތަކެއް ވަމުންދާ ޤައުމެއް. ރާއްޖޭގެ ވެރިން ވަނީ ނިމިގެންދިޔަ ދުވަސްތަކުގައި، ތިމާވެށީގެ ނާޒުކުކަމާއި، ތިމާވެށްޓަށް ލިބޭ ގެއްލުމުގެ ސަބަބުން ކޮންމެ އިންސާނަކަށް އަދި ޚާއްޞަކޮށް، ދިވެހިރާއްޖެއަށް ދިމާވެދާނެ ނުރައްކަލުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ ތެރެއިން އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދަން ލާމަސީލު މަސައްކަތްތަކެއް ކުރައްވާފައި. ދިވެހިންގެ ދިރިއުޅުމުގެ އެންމެބޮޑު އެއް މަސައްކަތް ކަމަށްވާ، މަސް ބޭނުމާއި، މަސް ހިފުމުގައި، ދާ ޖަހައިގެން މަސް ހިފުމުގެ ބަދަލުގައި ތިމާވެށްޓާ ރައްޓެހި ގޮތަކަށް މަސްވެރިކަން ކުރުމަކީ، ދިވެހިން އެކަމަކަށް މަޝްހޫރުވެފައިވާ ކަމެއް.

ދިވެހިރާއްޖެ މިއަދު އެންމެ ބޮޑަށް މުޅި ދުނިޔެއަށްވެސް ފަޚުރުވެރިގޮތެއްގައި މަޝްހޫރުވެފައި މިވަނީ ފަތުރުވެރިކަމުގެ ގޮތުން. ރާއްޖޭގެ ފަތުރުވެރިކަމުގައި، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭފުޅުން ތިމާވެށި ޙިމާޔަތް ކުރުމަށާއި، ވިލުތަކާއި، ފަރުތަކާއި، ގިރިތައް ޙިމާޔަތް ކުރުމާއެކު، ތަފާތު ބާވަތްތަކުގެ މަސްތައް އާލާކުރުމަށް ހިންގާފައިވާ އަދި ހިންގަމުންދާ މަޝްރޫޢުތަކަކީ މިއަދު އަޅުގަނޑުމެން، އެ މަޝްރޫޢުތަކަށް ތަޢުރީފް ޙައްޤުކުރުން މަސައްކަތްތަކެއް. އަދި މިމަސައްކަތް ކުރިއަށް ގެންދިޔުމާއެކުވެސް ރާއްޖޭގެ މަހަށް ލިބޭ ޢިނާޔަތްތައް، ދުނިޔޭގެ އެކި ސަރަޙައްދުން އެކިމިންވަރަށް އަޅުގަނޑުމެންނަށް ފިއްތުންތައް ކުރިމަތިކޮށް، އެ ޢިނާޔަތްތަކުން މަޙްރޫމްވެފައިވާ ކަމަށް، ބައެއް ފަރާތްތަކުން ތިމާވެށްޓާ ރައްޓެހިގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަށް ގެންދާއިރުވެސް، ފަތުރުވެރިކަމުގެ ޞިނާޢަތް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވާކަމީ، ރާއްޖޭގެ ރައްޔިތުން ތިމާވެށި ޙިމާޔަތް ކުރުމުގައި ވެފައިވާ އަދި ވަމުންދާ ޤުރްބާނީގެ ހެތްކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި މިފަދަ ޢަމަލުތަކާ މެދުގައި ރާއްޖޭގެ އެހެންވެސް ރައްޔިތުން ހިތާމަކުރާ ފަދައިން، ޚާއްޞަ ގޮތެއްގައި މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދާއި، ރާއްޖޭގެ ތިމާވެށްޓަށް އަދި ޚާއްޞަ ގޮތެއްގައި ރާއްޖޭގެ މަސްކަނޑުތައް، މަސްތައް ބޮއިކޮޓް ކުރުމަށް ކުރާ މަސައްކަތަށް އަޅުގަނޑު ހިތާމަކުރާ ވާހަކަވެސް ދަންނަވަން.

ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނޭ ފަދައިން، ރާއްޖޭގެ ތަރައްޤީއާއި، އިޤްތިޞާދީ ގޮތުން ލިބިފައިވާ ކުރިއެރުމަކީ، ރާއްޖޭގެ ތިމާވެށީގެ ސަބަބުން ލިބިފައިވާ ކުރިއެރުންކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެއީ ސަބަބުތަކެއް އޮތީމަ. ރީތި ދޮންވެލި ސާލެއްފަދަ އަދި މުތީތަކެއްފަދަ ގޮތަކަށް މުޅި ދުނިޔެއަށް ސިފަކުރެވިގެންދާ މި ޖަޒީރާ ޤައުމުގެ މޫދުގެ ރީތިކަމާއި، ކަނޑުގެ ލޮނުގަނޑުގެ ސާފުކަމާއި، ކަނޑުއަޑީގެ މުރަކަތަކާއި މަސްތަކުގެ ޗާލުކަމާއި ލާމަސީލުކަމާއި، އެފަދަ ދެވަނައެއް ނެތް ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައި ގިނަ ބަޔަކު މި ޤައުމު ސިފަކުރަމުންދާއިރު، މިއީ މި ޤައުމުގެ ތަރައްޤީގެ ސިއްރުކަމާމެދު އެއްވެސް ދިވެއްސަކު އަދި އެއްވެސް ފަރާތަކުން ޝައްކުކޮށްގެން ނުވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން.

މިދިޔަ ދުވަސްތަކުގައި، ރާއްޖޭގެ ތަރައްޤީގެ ދުވެލީގައި ކުރިއަށްދާއިރު، ތިމާވެށިން އަޅުގަނޑުމެންގެ ތަރައްޤީއަށް އެހީތެރިވެދޭ މިންވަރު މިވަނީ ހަނދާންނެތިފައި. ދުނިޔޭގެ އިޤްތިޞާދު، އެކިމިންވަރަށް އުފުލިގެންދާއިރުގައި، ދުނިޔޭގެ އިޤްތިޞާދަށް ތަފާތު ގޮތްގޮތުން ތިމާވެށިން އެހީތެރިވެފައިވާ މިންވަރު އަޅުގަނޑުމެންނަށް ސީދާގޮތުން އެނގެން ނެތް ކަމުގައިވީނަމަވެސް، ސައިންސްވެރިންނާއި، ތިމާވެށި ޙިމާޔަތް ކުރައްވާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، 33 ޓްރިލިއަނަށްވުރެ މަތީ ޢަދަދަކަށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ތިމާވެށި، ދުނިޔޭގެ އިޤްތިޞާދަށް އެހީތެރިވެދޭ. މިއީ، އަޅުގަނޑުމެން ސީދާގޮތެއްގައި އަންދާޒާ ކުރަން މުސްތަޙީލު ޢަދަދެއް ކަމުގައިވީ ނަމަވެސް، މިއީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ ގްރޮސް ނެޝަނަލް ޕްރޮޑަކްޓްސްއާ ދެގުނައަށްވުރެ އިތުރު މިންވަރެއް މި ޢަދަދަކީ. މިކަމުންވެސް އެނގިގެންދަނީ، ދުނިޔޭގެ ތިމާވެށި ޙިމާޔަތް ކުރުމާއި، ރައްކާތެރިކުރުމަކީ، އިންސާނުންގެ ތަރައްޤީއާއި، އިޤްތިޞާދީ ދުވެލި ކުރިއަށް ގެންދިޔުމުގައި ކިހާ މުހިންމު ކަމެއްކަން.

މި މަސައްކަތުގައި ދުނިޔެއިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި. 1991 ވަނަ އަހަރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އ.ދ. އިން ކުރަން ފެށި މަސައްކަތް ފުޅާވެގެންގޮސް، އަޅުގަނޑުމެންނަށް އޭގެފަހުން ކިއޯޓޯ ޕްރޮޓޮކޯލް ވުޖޫދަށް އައިސް، އަދި މިއަދު ދުނިޔޭގެ ތަފާތު ފެންވަރުގައި މުޢާހަދާތައް އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާކަމީ، މިކަމުގެ އަލިގަދަ ހެތްކެއް.

ޢިއްޒަތްތެރި ޙާޒިރީން، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން:

މިއަދު މި މަޤާމުގައި ހުއްޓި ހުރިއިރު، ދެންމެ މި [ފެހިފަތް] ޙާޞިލުކޮށްގެން ވަޑައިގެންނެވި ބޭފުޅުންނާމެދު އަޅުގަނޑުމެން ފަޚުރުވެރިވަން. މިއަހަރު މި އިނާމު ލިބިގެންދާ ފަރާތްތަކުގެ ތެރޭގައި، ބިލަބޮންގ ހައި އީ.ޕީ.އެސް. އިންޓަރނޭޝަނަލް ސްކޫލް، އއ. އުކުޅަސް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަދި ސެކިޔޯބޭގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިފަރާތްތަކުން ކުރައްވާފައިވާ މަސައްކަތްތަކަކީ، ރާއްޖޭގެ ރައްޔިތުންނަށް އެ މަސައްކަތްތަކުން ހިތްވަރު ލިބި، ރާއްޖޭގެ މާޙައުލު ޙިމާޔަތް ކުރުމާއި ރައްކާތެރި ކުރުމުގައި، އެބޭފުޅުން ވަރަށް މުހިންމު ޒިންމާދާރު މަސައްކަތްތަކެއް އަދާކުރައްވާފައިވާ މަސައްކަތެއްކަމާމެދު ޝައްކެއްވެސްނެތް. ޚާއްޞަ ގޮތެއްގައި، އިޢާދަކުރުވަނިވި ހަކަތަ ބޭނުންކުރުމާއި އަދި އަޅުގަނޑުމެން ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަމާއި ރައްކާތެރިކަމާ ބެހޭގޮތުން އެފަރާތްތަކުން ކުރައްވާފައިވާ މަސައްކަތްތަކަކީ އެއީ އަޅުގަނޑުމެން އެކަމުގެ އަގު ވަޒަންކުރާ މަސައްކަތްތަކެއް. އެކަމަށްޓަކައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައި ތިޔަ އެންމެހާ ފަރާތްޕުޅުތަކުން ކުރައްވާފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް، އެމަނިކުފާނުގެ ނަންފުޅުގައި ތިޔަ އެންމެހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން.

އަޅުގަނޑުގެ އެދުމަކީ، ތިމާވެށި ޙިމާޔަތް ކުރުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ތިމާގެ އަމިއްލަ މަސައްކަތެއް ކަމުގައި ދެކުން. އަދި ބަލައިގަތުން. އަދި މިހާރުވެސް ހިނގަމުންދާ ގޯސް އާދަކާދަތައް ހުއްޓާ، އަޅުގަނޑުމެންގެ ރާއްޖޭގެ ވެށި ޙިމާޔަތް ކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކަމުގެ މަސައްކަތް ފުޅާކުރުން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެން ދިރިއުޅޭ ވެށްޓަކީ، އަޅުގަނޑުމެންގެ މާޙައުލަކީ، އަޅުގަނޑުމެންގެ ނަފްސުގެ އެއްބައި ކަމުގައި އަޅުގަނޑުމެން ދެކުން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ވެށި ސަލާމަތް ކުރުމާއި ރައްކާތެރިކުރުމަކީ، އަޚްލާޤީ ގޮތުންނާއި، ދީނީގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރުން. އަޅުގަނޑުމެންގެ މަތިވެރި އިސްލާމްދީން، އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފައިވާ އިރުޝާދުތަކުގެ ތެރޭގައި، ތިމާވެށްޓަށް ދީފައިވާ މުހިންމުކަން ވަރަށްވެސް ބޮޑު. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، مَامِنْ مُسْلِمٍ يَغْرَسُ غَرْسًا اَويَزْرَعُ زَرْعًا فَيَأْكُلُ مِنْهُ طَيْرٌ اَوْ اِنْسَانٌ اَوْ بَهِيْمَةٌ اِلاَّ كَانَ لَهُ بِهِ صَدَقَة. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ، މުސްލިމަކު ގަހެއް އިންދައިފިނަމަ، ނުވަތަ ދަނޑެއް ހައްދައިފިނަމަ، އަދި އެގަހަކުން ނުވަތަ ދަނޑަކުން ދޫނިސޫފާސޫފި ނުވަތަ އިންސާނުން ނުވަތަ ޖަނަވާރުން ކައި ހަދައިފިނަމަ، އެގަހަކުން ނުވަތަ އެކަމަކުން ނުވަތަ އެ ދަނޑެއް ހެއްދި މީހަކަށް ޞަދަޤާތުގެ ޘަވާބު ހުއްޓެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި، މިއީ އަޅުގަނޑުމެން މުސްލިމުންނަށް ލިބިގެންވާ ވަރަށް މަތިވެރި ހިތްވަރެއް. އެއީ އަޅުގަނޑުމެން މިފަދަ ކަންކަމުގައި ސަމާލުކަން ދޭންޖެހިފައިވާ މިންވަރު ރަމްޒުކޮށްދޭ އަލިގަދަ ހެތްކެއް.

اللّـه سبحـانـه وتعـالى އަޅުގަނޑުމެން ދިރިއުޅޭ ވެށްޓަކީ ސާފު ވެށްޓެއް ކަމުގައި ލައްވަވައި، އަޅުގަނޑުމެންނަކީ ސަލާމަތާއި ރައްކާތެރިކަމުގެ މާޙައުލުގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި މިންވަރު ކުރައްވައި، އަޅުގަނޑުމެންގެ ތެރޭގައި ތިމާވެށި ޙިމާޔަތް ކުރުމާއި، ތިމާވެށްޓާ ބެހޭގޮތުން ކުރެވެމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެހާ ރައްޔިތުންނަށް މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه