ޗައިނާއަށް މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން، ރާއްޖޭގައި އިންވެސްޓްކުރުމަށާއި، އަދި ފަތުރުވެރިކަމާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ރާއްޖޭގައި ހުރި ފުރުޞަތުތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ ސައުތު އޭޝިޔާ ‏‏އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގަޔާއި، ޗައިނާ ސައުތު އޭޝިޔާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނުގެ މި ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ޚާއްޞަ ގޮތެއްގައި ޗައިނާފަދަ ބޮޑެތި ޤައުމުތަކުން، ރާއްޖޭގައި ވިޔަފާރިކުރުމަށް ވަރަށް ބޮޑު އިތުބާރެއް އުފެދިފައި އޮތްކަން މި ދަތުރުފުޅުން ހާމަވެގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. އަދި، ޗައިނާއިން ރާއްޖޭގައި ވިޔަފާރީގެ ރޮނގުން ކުރިއަށްދާން ވަރަށް ބޮޑަށް ބޭނުންވާކަމާއި، އަދި ރާއްޖެއަކީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ފުރުޞަތެއް އޮތް ޤައުމެއްކަންވެސް ވަރަށް ބޮޑަށް އެނގިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އެ ޕްރޮވިންސުން ރާއްޖޭގައި އިޤްތިޞާދީ ގޮތުން ތަފާތު ދާއިރާތަކުގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ރާއްޖެއަށް އެހީތެރިވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރުމަށާއި، އަދި އެ ދާއިރާއިން ރާއްޖެއާ އެކީގައި ދެ ފަރާތުން ގުޅުން ބަދަހިކޮށް، އެކީގައި ކުރިއަށް ދިޔުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.