‏ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑޮކްޓަރ ޙަސަން ޢީސާ ޙަސަން ‏‏އަލްޠާލިބު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު ‏‏އެރުއްވުމަށްފަހު، ސޫދާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ‏‏ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ.‏
‏ ‏
‏މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސޫދާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން ‏‏އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުންނާއި، ޚާއްޞަކޮށް، ދަނޑުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ‏‏މިގުޅުން އިތުރަށް ‏‏ތަރައްޤީކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ސޫދާނާއި ‏‏ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ސުދާންގެ އާސަފީރުގެ ދައުރުގައި ‏‏އިތުރަށް ‏‏ބަދަހިކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން، ސޫދާންގެ ސަފީރު ދެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ‏‏ޝަރީފާއި، ‏ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދާއި، ‏ސޫދާންގެ މިލިޓްރީ ‏‏އެޓަޝޭ އޭ. ޙާމިދު ބައިވެރިވެވަޑައިގެންނެވިއެވެ. ‏