ދިވެހި ޤައުމީ ފުޓްބޯޅައަށް ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އއ. ތޮއްޑޫ ޗާނދަނީގޭ މުޚުތާރު ނަޞީރަށް ދިވެހި ސަރުކާރުން ހަނދާނީ ފިލައެއް ދެއްވައިފިއެވެ. މުޚުތާރު ނަޞީރަށް މި ހަނދާނީ ފިލާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދެވެ.
މި ހަނދާނީ ފިލައަކީ، މުޚުތާރު ނަޞީރު ދިވެހި ފުޓްބޯޅައަށާއި، އަދި ފުޓްބޯޅައިން ރިޓަޔަކުރެއްވުމާ ހަމައަށް 2007 ވަނަ އަހަރުން ފެށިގެން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުން ދެއްކެވި މޮޅު ކުޅުމަށާއި، ޚާއްޞަކޮށް 2008 ވަނަ އަހަރު ސާފް ޗެމްޕިޔަންޝިޕް މުބާރާތުގެ ފައިނަލް މެޗުގައި ޖެއްސެވި ރީތި ރަންގޯލާއެކު، ދިވެހި ޤައުމަށް ހޯއްދަވައިދެއްވި މަތިވެރި ޝަރަފާއި ފަޚުރުވެރި ކާމިޔާބީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ފިލައެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންގެ އަގު ވަޒަންކުރައްވަން ސަރުކާރުން އަބަދުވެސް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވުމުގައި މުޚުތާރު ނަޞީރު ދެމިހުންނަވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
ސަރުކާރުން މިފަދަ ގޮތަކަށް ޚިދުމަތުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށާއި، ދިވެހި ސަރުކާރަށް މުޚުތާރު ނަޞީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށްއޮތްތާނގައި ޒުވާން ކުޅުންތެރިން ފުޓްބޯޅައިގެ ދާއިރާއަށް ނެރެދެއްވައި، އާ ކުޅުންތެރިން އުފެއްދެވުމަށް މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމުގައިވެސް މުޚުތާރު ނަޞީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު މަލީޙް ޖަމާލާއި، އެފް.އޭ.އެމް.ގެ ނައިބު ރައީސް ޢަބްދުލްމުޙުސިން ޙަމީދާއި، އެފް.އޭ.އެމް.ގެ ޑިރެކްޓަރ އޮފް ނޭޝަނަލް ޓީމްސް ޢަލީ ސުޒައިނާއި، އެފް.އޭ.އެމް.ގެ ޑިރެކްޓަރ އޮފް އެޓޯލް ފުޓްބޯލް އަޙްމަދު މުޖުތަބާއާއި، އެފް.އޭ.އެމް.ގެ މީޑިޔާ ކޯރޑިނޭޓަރ ޙުސައިން ޖަވާޒް ބައިވެރިވެވަޑައިގެންނެވިއެވެ.