ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙަންމަދު މިއަދު ހަމަޖައްސަވައިފިއެވެ. ޢަބްދުﷲ މަސީޙު މުޙަންމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިންގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ޢަބްދުﷲ މަސީޙު މުޙަންމަދު ކުރެއްވިއެވެ.