ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސަޢީދު ސާއިލް ޢައްބާސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް، ސިއްޙީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޕާކިސްތާނާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ޕާކިސްތާނުގެ އާސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ބޭނުންވާ ކަންކަމުގައި ޕާކިސްތާން ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ސާކްގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދައްކަވަމުން، ސާކްގެ ކަންތައްތަކަށް ޕާކިސްތާން ސަރުކާރުން ދެއްވާ އަހަންމިއްޔަތު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ޕާކިސްތާން ހައިކޮމިޝަންގެ ހެޑް އޮފް ޗާންސަރީ ޒަފަރު އަންޖުމް އިޤްބާލް ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.