ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙަންމަދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަށާއި ނައިބު ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި އާ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް ފެނިގެންދާނެ މަޖިލީހަކަށްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ މައްޗަށް ރައީސުލްޖުމްހޫއްޔާ ބައްލަވައިލައްވަމުން، އެއެޖެންޑާގެ ކަންކަން ފުރިހަމަކުރެއްވުމަށް، ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ، އެބިލްތައް އަވަހަށް ފާސްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އާ މަޖިލީހުގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ޢަބްދުﷲ މަސީޙު މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، އާ މަޖިލީހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށާއި، އެކަމުގައި މަޖިލީހުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މަޖިލީހަށް ހުށަހެޅޭ ބިލްތައް، ވީހާވެސް އަވަހަކަށް ނިންމެވުމަށް، ކުރެއްވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ، ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅަކަށް ވުމާއެކު، މަޖިލީހުގެ މަސައްކަތްތައް ހުންނާނެ ގޮތާއި، ބޭނުންތައް ފުރިހަމައަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން، އެއީ އެއްފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ލިބިވަޑައިގަންނަވާ ފަސޭހަފުޅުކަމެއްކަން ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، މަޖިލީހުގެ އާ ނައިބު ރައީސް މޫސާ މަނިކު ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ކޮންމެ މަސައްކަތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެދެއްވެން ހުރި އެހީތެރިކަން ފޯރުކޮށްދެއްވައި، އާ މަޖިލީހަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރާ ތަނަކަށް ހައްދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.