‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ސީ-‏‏އެމްބިއުލަންސްގެ ޚިދުމަތް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ‏‏މިއަދު ރަސްމީ ފާލަމުގައި އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ‏‏ވާހަކަފުޅުގައި، މިއަދު ތަޢާރުފުވެގެންދިޔަ ޚިދުމަތަކީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ‏‏ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، އަދި ލަސްނުވެ ޢާންމު ރައްޔިތުންނަށް ފަރުވާ ‏‏ފޯރުވައިދިނުމުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމަށްޓަކައި ފެށްޓެވި ޚިދުމަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ‏‏މިއީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ފުއްދުމަށްޓަކައި އެޅިގެންދާ ފިޔަވަޅެއްކަންވެސް ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ‏

މިއަދު މި ޚިދުމަތް ތަޢާރުފުވެގެންދިޔުމާއެކީގައި ޞިއްޙީ ނިޒާމުގެ ތެރޭގައި އެންމެ ‏‏ބޮޑަށް ދިމާވެފައިވާ އެއް މައްސަލަކަމަށްވާ، ރާއްޖޭގެ އެކި ހިސާބުތަކުން ބަލިމީހުންނަށް ލިބެންޖެހޭ ‏‏ފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުވެ، ވަގުތުން ފަރުވާ ފޯރުވައިދިނުމުގެ ނިޒާމެއް ‏‏ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤާއިމުވެގެންދިޔައީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏‏ވިދާޅުވިއެވެ. އަދި މި ޚިދުމަތް ތަޢާރުފުވެގެންދިޔުމުން، ބަލިމީހާއަށް އެކަށީގެންވާ ފަރުވާ ‏‏ލިބިދިނުމަށްޓަކައި ދާނޭ ދިމާއެއް ނޭނގި ހޭދަވާ ވަގުތު ކުޑަވެގެންދާނެކަމާއި، މާލެއަށް ބަލިމީހުން ‏‏ގެނައުމަށް މިހާރު ދިމާވާ މައްސަލަ ޙައްލުވެ، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރޭގައި މިހާރު ‏‏ކުރެވެމުންދާ ޚަރަދު މި ޚިދުމަތުގެ ސަބަބުން ވަރަށް ބޮޑުތަން ކުޑަވެގެންދާނެކަން ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި ޚިދުމަތް ‏‏ތަޢާރުފުވެގެންދިޔުމާއެކު ސަރުކާރުގެ އުންމީދަކީ، މިއަހަރު ނިމެންވާއިރަށް އެންމެ ލަސްވެގެންވެސް ‏‏މުޅި ރާއްޖެއަށް މި ޚިދުމަތް ތަޢާރުފުކުރެއްވޭނެ ގޮތަކަށް ކަންތައްތައް ހަމަޖެއްސެވުން ކަމުގައި ‏‏ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ ރައްޔިތަކު މަޙްރޫމް ނުވާނޭ އުސޫލެއްގެ މަތިން، ‏‏މިއަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ 26 ލޯންޗާއެކު މުޅި ރާއްޖެއަށް މި ޚިދުމަތް ތަޢާރުފު ‏‏ކުރެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ‏‏ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ‏‏ބައްލަވާލެއްވިއެވެ. އަދި ޞިއްޙީ ނިޒާމު ކޮޅަށް ޖެހުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ މިއަދު ‏‏ފެންނަމުން އެބަދާ ކަމަށާއި، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް ‏‏ލަސްތަކެއްނުވެ، މި ޚިދުމަތް ދެއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނު ‏‏ވިދާޅުވިއެވެ. ‏

ރާއްޖޭގެ ޞިއްޙީ ނިޒާމުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ރާއްޖޭގެ ‏‏ރައްޔިތުންނަށް އެހީތެރވެދެއްވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ‏‏ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް ޚިދުމަތް ބޭނުންވެފައިވާ ދާއިރާއަކީ، ‏‏ޞިއްޙީ ޚިދުމަތުގެ ދާއިރާކަން ރާއްޖޭގައި ޞިއްޙީ ނިޒާމު ހިންގަވަން މިއަދު ތިއްބެވި ބޭފުޅުންނަށް ‏‏އެނގިވަޑައިގަންނަވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. "މި ދާއިރާއަށް ބޭނުންވާ ޞިއްޙީ ސާމާނު ‏‏ގެނެވިދާނެ. ޑޮކްޓަރުން ގެނެވިދާނެ. ސަރުކާރުން އޮނިގަނޑު ތަޢާރުފުކުރެވިދާނެ. އެމްބިއުލަންސް ‏‏ލޯންޗް ކުރެވިދާނެ. އެކަމަކު އެއަށްވުރެ މުހިންމު ކަމަކީ، ޚިދުމަތުގައި ތިއްބެވި ބޭފުޅުން، މިތަންތަން ‏‏މެނޭޖުކުރައްވަން ތިއްބެވި ބޭފުޅުން، މިތަންތަން ހިންގަވަން ތިއްބެވި ބޭފުޅުން ޚާލިޞް ހިތަކާއެކީގައި ‏‏މި މަސައްކަތް ކުރެއްވުމަށް ތެދުވެވަޑައިގަތުން." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ‏

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއިން ކޮންމެ މަސައްކަތަކީ، ތަކުރާރުކޮށް ‏‏އެދިގެން، ތަކުރާރުކޮށް އިލްތިމާސްކޮށްގެން، ތަކުރާރުކޮށް ސިޓީތައް ގޮސްގެން ޚިދުމަތް ކުރައްވަން ‏‏ތިއްބެވި ބޭފުޅުން ތެދުވެވަޑައިގަންނަވަންޖެހޭ ކަމެއްކަމަށްވާނަމަ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ‏‏ފެންވަރު ރަނގަޅު ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ‏‏އެކި ހިސާބުތަކުގައި ކަންކަން ހިންގަވަން ތިއްބެވި ބޭފުޅުން، ސިޔާސީ އެކި ފިކުރުގެ ތެރޭގައި ‏‏ގެނބިގެންގޮސް، މި ޚިދުމަތަށް ބުރޫއަރާ ފެންވަރަށް އެބައެއްގެ ސިޔާސީ ފިކުރާއި ވިސްނުން ‏‏ތަޣައްޔަރުވެއްޖެކަމަށްވާނަމަ، ރާއްޖޭގެ ޞިއްޙީ ނިޒާމަށް ސީ-އެމްބިއުލަންސާއި، ޑޮކްޓަރުންގެ ‏‏އޮނިގަނޑު ތަޢާރުފު ކުރި ކަމުގައިވިޔަސް، މި ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ‏‏ރައްޔިތުން ދެކެން ބޭނުންވާ ފެންވަރަށް ޚިދުމަތް އައުމުގައި ދަތިތަކެއް ހުންނާނެ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ‏

މި ރަސްމިއްޔާތުގައި، ސީ-އެމްބިއުލަންސްގެ ޚިދުމަތް ތަޢާރުފު ކުރެއްވުމުގެ ‏‏ގޮތުން މެޑިކަލް އިކުއިޕްމަންޓްސް ކިޓް، ކުޑަހުވަދޫ ސީ-އެމްބިއުލަންސް ލޯންޗްގެ ކެޕްޓަން މުޙަންމަދު ‏‏ޒަކަރިއްޔާއާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދެވެ. ‏‏އަދި މި ޚިދުމަތް ތަޢާރުފު ކުރެއްވުމާ ގުޅިގެން، އެކަމަށް ޚާއްޞަ ކުރެވިފައިވާ ލޯންޗެއްގައި ‏‏ބަލިމީހަކު މާލެ ގެންނަ މަންޒަރު ދައްކައިދޭ ޑެމޮންސްޓްރޭޝަނެއްވެސް ހުށަހެޅިއެވެ. ‏
‏ސީ-އެމްބިއުލަންސް ލޯންޗްގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު، އެ ޚިދުމަތަށް ‏‏ޚާއްޞަ ކުރެވިފައިވާ ލޯންޗް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ. ‏