‏ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، މިހާރަށްވުރެ ބޮޑަށް ‏‏ބަދަހިކުރެއްވުމަށް އިންޑިއާގެ އާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭނުންފުޅުވާ ކަމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ‏‏މިހެން ވިދާޅުވީ، އިންޑިއާގެ އާ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރު ކަމުގެ ‏‏ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާއަށް ކުރެއްވި ރަސްމީ ‏‏ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މިއަދު ހަވީރު ރާއްޖެ ވަޑައިގެން، ޚަބަރުފަތުރާ ‏‏ވަސީލަތްތަކާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބައްދަލުކުރައްވައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ރަސްމިއްޔާތުގެ ކަންތައްތައް ދިޔައީ ‏‏ވަރަށް ފުރިހަމައަށް އަދި ވަރަށް ރަނގަޅަށް ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުން ‏‏ރާއްޖެއާ ދޭތެރޭގައި ވަރަށް ބޮޑަށް ކަމޭހިއްތަވައިގެން، މިދަތުރުފުޅުގެ ކަންތައްތައް ވަރަށް ‏‏ރަނގަޅަށް ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައި، ‏‏މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ބައްލަވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންޑިއާގައި ނިމިގެން މިދިޔަ ‏‏ކޮންގްރެސް ސަރުކާރާއެކު ރާއްޖެއިން ކޮށްފައިވާ މުޢާމަލާތުތައް، އެގޮތަށް ކުރިއަށް ‏‏ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން، ބޮޑުވަޒީރު ދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. މީގެއިތުރުން، މިސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުންނާއި، ‏‏ސާކްގެ ޙަރަކާތްތައް، ބައިނަލްއަޤްވާމީ ފެންވަރެއްގައި ވަރަށް ބާރަށް ކުރިއަށް ގެންދެވުމާ ‏‏ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންނަ އަހަރަކީ ރާއްޖޭގެ މިނިވަންކަމުގެ ‏‏ރަން ޔޫބީލް ފާހަގަކުރާ އަހަރު ކަމަށްވާތީ، މި މުނާސަބަތާ ގުޅިގެން ރާއްޖެއަށް ދަތުރުފުޅެއް ‏‏ކުރެއްވުމަށް އެދިވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރަށް ދަޢުވަތު ދެއްވި ކަމުގައި ވިދާޅުވިއެވެ. ‏‏އަދި މިދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެއާ ބައްދަލުކުރައްވައި، ‏‏ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އެމަނިކުފާނަށް އަރުވާފައިވާ ދަޢުވަތު ތަކުރާރު ކުރެއްވި ‏‏ކަމަށާއި، އެދަތުރުފުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން، ރައީސް ރާޖަޕަކްސެ ދެއްވި ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާއަށް މިކުރެއްވި ދަތުރުފުޅުގައި، ‏‏އިންޑިއާގައި މިހާރު ވެރިކަން ކުރަމުންމިދާ ބާރަތިޔާ ޖަނަތާ ޕާޓީ، ބީ.ޖޭ.ޕީ.ގެ އިސްބޭފުޅުންނާ ‏‏ބައްދަލުކުރައްވައި، އެ ޕާޓީއާއި ޕީ.ޕީ.އެމް.އާ ދެމެދު ގާތް ގުޅުމެއް އުފެއްދުމާ ގުޅޭގޮތުން ‏‏މަޝްވަރާ ކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ބީ.ޖޭ.ޕީ.ގެ އިސްބޭފުޅުންގެ ވަފްދެއް ރާއްޖެއަށް ‏‏ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު ދެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏