‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިއާގައި މިހާރު ‏‏ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ، ބީ.ޖޭ.ޕީ.ގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި އޮތް މިބައްދަލުކުރެއްވުމުގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ހެނދުނު އެމަނިކުފާނު އިންޑިއާގެ އާ ބޮޑުވަޒީރު ‏‏ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ‏‏ބައްލަވައިލެއްވިއެވެ. އަދި އިންޑިއާ ސަރުކާރާ އެކީގައި، ދިވެހި ސަރުކާރުން ވަރަށް ގާތް ގުޅުމެއް ‏‏ބާއްވާނެ ކަމުގެ ޔަޤީންކަން، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެއިތުރުން، ސާކް ‏‏ޤައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންވެސް އެ ޕާޓީގެ އިސްބޭފުޅުންނާ ‏‏ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ‏‏ދަޢުވަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވަމުން، ސާކް ޤައުމުތަކުގެ ވެރިން، ހުވާކުރެއްވުމުގެ ‏‏ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ސަބަބުން ޤައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ‏‏ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރަޙައްދުގައި ހިމެނޭ ކުދި ޤައުމުތަކަށް ‏‏ދިމާވާ އެކިއެކި ކާރިސާތަކާއި އަދި ބައެއްކަހަލަ ޙާލަތްތަކުގައި ދިމާވާ ކަންކަމުގައި އެކި ޤައުމުތަކަށް ‏‏އެހީތެރިވެދިނުމުގައި، އިންޑިއާގެ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ރާއްޖެއަށް ‏‏ދިމާވެފައިވާ އެކިކަންކަމުގައި، އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމާއި ‏‏އެއްބާރުލެއްވުންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި، ބާރަތިޔަ ޖަނަތާ ޕާޓީ، ބީ.ޖޭ.ޕީ.ގެ އިސްބޭފުޅުން ދެއްކެވި ‏‏ވާހަކަފުޅުގައި، އިންޑިއާއިން މަސައްކަތް ކުރާނީ، އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ކަމުގައި ‏‏ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް، ‏‏އެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާގެ ވެރިކަމުގައި ކުރިން ބީ.ޖޭ.ޕީ ‏‏އޮތްއިރު، އޭރުގެ ބޮޑުވަޒީރު ވާޖްޕާއީ ގެންގުޅުއްވި ސިޔާސަތުތަކުގެ މައްޗަށް ބައްލަވައިލައްވައި، ‏‏އެސިޔާސަތުތަކަށް ތާއީދު ކުރެއްވިއެވެ. އަދި އެ ސިޔާސަތުތަކުގެ ސަބަބުން ސަރަޙައްދުގެ ޤައުމުތަކަށް ‏‏އެކަމުގެ ހެޔޮ އަސަރު ކުރިކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ‏