ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާގެ ރައީސް ޕްރަނާބު މުކަރުޖީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިންޑޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި މިއަދު މެންދުރު އޮތް މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމާބެހޭގޮތުންނާއި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ޕްރަނާބު މުކަރުޖީގެ ވާހަކަފުޅުގައި، އިންޑިޔާގެ އާ ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ މިފަދަ ތާރީޚީ ރަސްމިއްޔާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންދެއްވިކަމަށްޓަކައި އުފާފުޅު ކުރައްވާކަމަށް ވިދާޅުވެ، ރައީސަށް ޝުކުރުއަދާކުރެއްވިއެވެ.