‏އިންޑިއާ ސަރުކާރަށް ދެއްވެންހުރި ހުރިހާ އެއްބާރުލެއްވުމެއް، ދިވެހި ސަރުކާރުން ‏‏ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިއާގެ ‏‏އާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެއްވައިފިއެވެ. މި ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ‏‏ބޮޑުވަޒީރަށް ދެއްވީ، މިއަދު އެމަނިކުފާނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ‏

‏ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި މިއަދު ހެނދުނު އޮތް ‏‏މިބައްދަލުކުރެއްވުމުގައި، އިންޑިއާގެ އާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ‏‏ހޫނު ތަހުނިޔާއެއް ވިދާޅުވިއެވެ. އަދި ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދަޢުވަތު ދެއްވިކަމީ، ‏‏ލިބިވަޑައިގެންނެވި ޚާއްޞަ އުފަލެއް ކަމަށް ވިދާޅުވެ، އެކަމަށްޓަކައި ބޮޑުވަޒީރު މޯދީއަށް ‏‏ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. ‏

‏ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމުގެ ‏‏މައްޗަށް ބައްލަވައިލައްވަމުން، ބޮޑުވަޒީރު މޯދީގެ ޒަޢާމަތުގައި، މި ގުޅުން އިތުރަށް ދަމަހައްޓަވާނެ ‏‏ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ‏‏ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި، އިންޑިއާއިން އަދާކުރާ ލީޑަރޝިޕް، ރާއްޖެއިން ‏‏ބަލައިގަންނަ ކަމުގައިވެސް ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންނަ އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 ‏‏އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން، އިންޑިއާއަކީ އެންމެ ފުރަތަމަވެސް ރާއްޖެއާ ޚާރިޖީ ގުޅުން ‏‏ބަދަހިކުރި ޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން މިއަދާ ހަމައަށްވެސް ‏‏ރާއްޖެއަށް ދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ‏‏އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ‏

‏ ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި، އިންޑިއާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި، ‏‏މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޚާއްޞަކޮށް، ރައީސް މައުމޫންގެ ޒަޢާމަތުގައި އުފެދިފައިވާ ގާތް ‏‏ގުޅުން ފާހަގަކުރެއްވިއެވެ. އަދި މިގުޅުން، ކުރިއަށް އޮތް ތާނގައި އިޢާދަކުރެވިގެންދާނެ ކަމަށް ‏‏ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި، ސާކްގެ މުހިންމުކަމުގެ މައްޗަށްވެސް ދެބޭފުޅުން ވާހަކަފުޅު ‏‏ދެއްކެވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މޯދީ ‏‏ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ސާކްގެ ހުރިހާ ޤައުމުތަކުގެ އިސްވެރިންނަށް ދަޢުވަތު ދެއްވިކަން ‏‏އެއީ، ބޮޑުވަޒީރު މޯދީ، ސާކްގެ ކަންތައްތަކަށް ދެއްވާ އަހަންމިއްޔަތު ވަރަށް ބޮޑަށް ފާހަގަވެގެންދާ ‏‏ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ‏‏ޝަރީފަށް ދަޢުވަތު ދެއްވިކަމީ، ސާކް ޤައުމުތަކުގެ ދޭދޭގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މޯދީގެ ‏‏ސަރުކާރުން އިސްކަން ދެއްވާނެ ކަމުގެ ހެޔޮ ފާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏‏ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އިންޑިއާއިން ދީފައިވާ ޚާއްޞަ މަޤާމުގެ ސަބަބުން ސާކް ޤައުމުތަކަށް ‏‏ރަނގަޅު އަސަރެއް ކުރާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ‏

‏ސާކްގެ ކުރިމަގާ ބެހޭގޮތުން ބޮޑުވަޒީރު މޯދީ ވާހަކަފުޅު ދައްކަވަމުން، ދޭދޭ ‏‏ޤައުމުތަކުގެ މެދުގައި ހުރި މައްސަލަތަކަށްވުރެ، މިވަގުތު އިސްކަންދޭންޖެހެނީ، މި ސަރަޙައްދުގައި ‏‏ބާރުހުރި ޖަމާޢަތަކަށް ސާކް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ‏‏ޞިނާޢީ ދާއިރާތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ޚާއްޞަ ގޮތެއްގައި، ދެމެހެއްޓެނިވި ‏‏ހަކަތައިގެ ދާއިރާއާއި، ޖައްވު ހޫނުވުމާ ގުޅިގެން، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައްފަދަ ‏‏މައްސަލަތަކުގައި، ސާކުން އިސްނަގައިގެން، އެކަންކަން ބައިނަލްއަޤްވާމީ މައިދާނުގެ ސަމާލުކަމަށް ‏‏ގެނެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ނަން ހިނގާ ޖަމާޢަތަކަށް ސާކް ހެދުމުގެ މުހިންމުކަމުގެ ‏‏މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު މޯދީ ވާހަކަފުޅު ދެއްކެވިއެވެ.‏

‏ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަފުޅުގައި، ރާއްޖޭގެ ކިޔަވާ ކުދިންނަށް އެކި ‏‏ދާއިރާތަކުން އިންޑިއާގައި މަތީ ތަޢުލީމް ޙާޞިލު ކުރުމުގެ އިތުރު ފުރްޞަތުތައް ފަހިކޮށްދެއްވާނެ ‏‏ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ‏‏ފަތުރުވެރިންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށް ވިދާޅުވެ، އިންޑިއާގެ ‏‏ބައެއް ސަރަޙައްދުތަކުގައި، ޚާއްޞަކޮށް، ކެރެލާ، ގުޖްރާތުފަދަ ސަރަޙައްދުތަކުގައި، ރާއްޖޭގެ ‏‏ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތް، ފުޅާ ދާއިރާގައި ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ‏‏ބައްލަވައިލެއްވިއެވެ. އަދި އެގޮތުން ކުރައްވާ މަސައްކަތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ‏‏ޔަޤީންކަންވެސް، ބޮޑުވަޒީރު މޯދީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން ‏‏އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ‏‏ޝަރީފާއި، ޢަބްދުﷲ އަމީނާއި، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ މުޙަންމަދު ‏‏ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން އިބްރާހީމް މުޢާޒު ޢަލީ ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ، އެކްސްޓަރނަލް ‏‏އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖާއި، ފޮރިން ސެކްރެޓަރީ ސުޖާތާ ސިންގ އަދި ރާއްޖޭގައި ‏‏ހުންނަވާ އިންޑިއާ ސަފީރު ރަޖީވް ސަހާރޭ ބައިވެރިވެވަޑައިގެންނެވިއެވެ. ‏