ނަރެންދުރަ މޯދީ، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ‏ބައިވެރިވެވަޑައިގެންފިއެވެ. ނަރުންދުރަ މޯދީ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ‏ރާއްޖޭ ގަޑިން މިއަދު ހަވީރު 5.30ގައި، ‏އިންޑިޔާގެ ރައީސްގެ ރަސްމީ ‏‏ގަނޑުވަރު، ރާސްތުރަޕަތީ ބަވަންގައެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ އާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މާދަމާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި، ‏‏އިންޑިޔާއާއި ރާއްޖެއާއި ދެމެދުގައި އޮތް ‏‏ގުޅުން ދެމެހެއްޓުމުގެ ތެރެއިން، އިންޑިޔާގެ އެކިއެކި ‏‏އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ‏‏ހުށަހަޅާފައިވާ ހުށަހެޅުންތަކާ ބެހޭގޮތުންނާއި، ދިވެހި ދައުލަތަށް އިންޑިޔާގެ ފަރާތުން ‏‏ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ‏‏މަޝްވަރާ ކުރައްވާނޭ ކަމަށް މި ދަތުރުފުޅުގައި ފުރާވަޑައިގަންނަވަމުން، ޚަބަރު ފަތުރާ ވަސީލަތްތަކަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސާވެސް މާދަމާ ބައްދަލު ކުރައްވާނެއެވެ.