ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން މި ވޭތުވެދިޔަ ތާނގައި ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެކަން ފާހަގަކުރައްވައި، ރައީސް މަހިންދަ ރާޖަޕަކްސެއަށް ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ދިއްލީގައި ހުންނަވާ ހޮޓެލްގައި މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރި ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވަމުން، އެމަނިކުފާނު މި އަހަރުގެ ޖަނަވަރީމަހު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އެ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއް ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އޭ.އެފް.ސީ ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވުމަށްޓަކައި އައްޑޫސިޓީގެ ސްޓޭޑިއަމް ދިއްލުމުގެ ކަންތަކުގައި ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން އެކަން ވަރަށް އަވަހަށް ހަމަޖައްސަވައިދެއްވީތީ ރައީސް ރާޖަޕަކްސެއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން އެދިވަޑައިގަންނަވާ ކަންކަމުގައި ކުރިއަށް އޮތްތާނގައިވެސް ސްރީލަންކާ ސަރުކާރުން ފުރިހަމަ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކަންކަން ފުރިހަމަކޮށްދެއްވައި ފަސޭހަކޮށްދެއްވުމަށް ރައީސް ރާޖަޕަކްސެ ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރަށް ފުރިހަމައެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ރާޖަޕަކްސެ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރައީސް ޔާމީނާއި އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ހިނގައްޖެކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމަށްޓަކައި ސްރީލަންކާ- މޯލްޑިވްސް ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ރާޖަޕަކްސެ ވިދާޅުވިއެވެ.

ރައީސް ރާޖަޕަކްސެ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ސްރީލަންކާ ސަރުކާރަށް ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ސްރީލަންކާގެ ދާޚިލީ ކަންކަމަށް ބޭރުގެ އެކި ފަރާތްތަކުން ކުރިމަތިކުރުވާ ދަތިތައް ޙައްލު ކުރެއްވުމަށް ސްރީލަންކާ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް، ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ އާ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ސާކު ޤައުމުތަކުގެ ވެރިންނަށް ދަޢުވަތު ދެއްވިކަމީ، ސާކުގެ ކުރިމަގަށް އޮތް ވަރަށް ހެޔޮ ފާލެއް ކަމަށާއި، އެއީ ސާކު ޤައުމުތަކުގެ އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރަޙައްދީ ގުޅުން ބަދަހިކުރައްވައި ތަރައްޤީ ކުރެއްވުމަށް ނަރެންދުރަ މޯދީ ޚާއްޞަ ސަމާލުކަމެއް ދެއްވާކަން މިކަމުން ދޭހަވެގެންދާކަންވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ރާޖަޕަކްސެއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ދެއްވާފައިވާ ދަޢުވަތު ތަކުރާރު ކުރެއްވިއެވެ. އަދި އެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި ވަރަށް އަވަސް ފުރުޞަތެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ރައީސް ރާޖަޕަކްސެ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.