ނަރެންދުރަ މޯދީ، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި، އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް މިއަދު މެންދުރުފަހު ވަޑައިގެންފިއެވެ.

ނިއުދިއްލީގެ ވައިގެ ބަނދަރުން، ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، އިންޑިޔާ ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރާއި އެ މިޝަންގެ އިސްބޭފުޅުންނެވެ.

ނަރެންދުރަ މޯދީ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ، އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި ރާއްޖޭ ގަޑިން މިއަދު ހަވީރު 5.30 ގައެވެ.