‏ނަރެންދުރަ މޯދީ، އިންޑިޔާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ބާއްވަވާ ‏‏ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާ ސަރުކާރުން އެރުވި ދަޢުވަތު ގަބޫލުފުޅު ‏‏ކުރައްވައި، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް، މިއަދު ހެނދުނު އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ، މި ދަތުރުފުޅަށް އިންޑިޔާ ސަރުކާރުން ‏‏ހަމަޖައްސަވައިދެއްވާފައިވާ ޚާއްޞަ މަތިންދާބޯޓެއްގައެވެ.‏

‏ނަރެންދުރަ މޯދީ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ، އިންޑިޔާގެ ރައީސްގެ ‏‏ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި މިއަދު ހަވީރެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސާއި އަދި އާ ބޮޑުވަޒީރާ ‏‏ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.‏

‏މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރުފަތުރާ ‏‏‏ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ‏އިންޑިޔާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި ‏‏މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތަކުގައި، ‏‏އިންޑިޔާއާއި ރާއްޖެއާއި ދެމެދުގައި އޮތް ‏‏ގުޅުން ދެމެހެއްޓުމުގެ ތެރެއިން، އިންޑިޔާގެ އެކިއެކި ‏‏އިންވެސްޓަރުން ރާއްޖޭގައި ކުރުމަށް ‏‏ހުށަހަޅާފައިހުރި އިންވެސްޓްމަންޓްތަކާ ބެހޭގޮތުންނާއި، ދިވެހި ދައުލަތަށް އިންޑިޔާގެ ފަރާތުން ‏‏ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން ‏‏މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ‏


ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާއަށް މިކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ‏‏މާދަމާރޭ އޮންނަ އޭ.އެފް.ސީ. ޗެލެންޖް ކަޕުގައި ރާއްޖެ ބައްދަލުކުރާ ސެމީ ފައިނަލް މެޗް ފެށުމުގެ ‏‏ކުރިން ރާއްޖެ ވަޑައިގަންނަވާނެއެވެ.‏