މިއަދުގެ ސަރުކާރަކީ، ނޫސްވެރިން ފާޅުކުރާ ޚިޔާލުތަކާ ގުޅިގެން، ނޫސްވެރިންނަށް އަދަބުދޭގޮތަށް ޢަމަލުކުރާނެ ސަރުކާރެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ހަވީރު"ގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، މިއަދުގެ ސަރުކާރަކީ މިނިވަން ނޫސްވެރިކަން ޙިމާޔަތް ކުރުމަށާއި، ލިޔުންތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ނޫސްވެރިންގެ ޚިޔާލާ އެއްގޮތަށް މަސައްކަތް ކުރާނެ ސަރުކާރެކެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދުގެ ސަރުކާރުން ގަބޫލުކުރާގޮތުގައި، މީގެ އެންމެ ބޮޑު ސަބަބަކީ، މިއަދުގެ ސަރުކާރަކީ، ނޫސްވެރިންގެ ބޮޑު މަސައްކަތް ޙިއްޞާވެގެން ވުޖޫދަށް އައިސްފައިވާ ސަރުކާރެއްކަން، މި ސަރުކާރުން ހަނދާންކުރާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. [ސަރުކާރުގެ ތެރޭގައި ހިނގަމުންދިޔަ ކަންތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމާތް ޒަޚަމްވެ، ޤައުމުގެ މުއްސަނދިކަމަށް ކަތި ފިޔަވަޅެއް އެޅުނު ވަގުތު، ރާއްޖޭގެ ހީވާގި ނޫސްވެރިންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އަދި އެ ވަސީލަތްތަކުގެ ތެރޭގައި ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތަކީ، މިއަދު މި ޤައުމުގައި މިއޮތް ހަމަޖެހުމުގެ އެންމެބޮޑު އެއް އަސާސް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.] ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރަސީގައި، މިއަދާ ހަމައަށް ޤައުމު ކުރަމުން އައި ތަޖުރިބާގެ ތެރެއިން ރާއްޖޭގެ ނޫސްވެރިން ވަނީ މި ޤައުމު ފަޚްރުވެރިވުން ޙައްޤު ޤުރްބާނީތަކެއް ވެފައި ކަމުގައިވެސް ވިދާޅުވިއެވެ. ނޫސްވެރިން، ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވަމުން، ކަންކަމުގެ ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް ނޫސްވެރިން، ނޫސްވެރިކަން ކުރަމުންގެންދާ ކަމުގައިވާނަމަ، ނޫސްވެރިކަމާ ދޭތެރޭގައި ރައްޔިތުން ކުރާ އިތުބާރު ގެއްލި، ނޫސްވެރިކަމާމެދު ސުވާލު އުފެދިގެންދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރޭ ބޭއްވުނު [ހަވީރު] ނޫހުގެ 35 ވަނަ އަހަރީ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ދިގު ރާސްތާ ކަޑައްތު ކުރުމުގައި، [ހަވީރު] ނޫސް ވަނީ ރާއްޖޭގެ ކޮންމެ ރައްޔިތަކު ހިތްހަމަޖެހުމާ އެކީގައި އުފާކުރާފަދަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ރާއްޖޭގެ އެކިކަންކަމަށް، އެކިދާއިރާތަކަށް ހަވީރު ނޫހުން އިސްކަން ދެއްވާފައިވާކަން ބަޔާންކުރައްވަމުން، ތަފާތު އިޖްތިމާޢީ ކަންތައްތަކުގެ މައްޗަށް ހަވީރު ނޫހުން ދީފައިވާ ސަމާލުކަމަކީ، މިއަދު އެކަމަށްޓަކައި ސަރުކާރަކުންވެސް ފަޚްރުވެރިވުން ޙައްޤު ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ލިޔުންތެރިންގެ އެންމެ ގިނަ ބަޔަކު، މިނިވަންކަމާއެކު ސިޔާސީ ޚަބަރު ލިޔެ އަދި ގެނެސްދޭ ފަރާތަކީ، ހަވީރު ނޫސްކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ހަވީރު ނޫހުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ޙަފްލާގައި، އެ ނޫހުގައި މަސައްކަތް ކުރާތާ 15 އަހަރަށްވުރެ ގިނަދުވަސްވީ މުވައްޒަފުންނަށް އެވޯޑް ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ.

ރޭގެ ޙަފްލާގައި، ހަވީރު ނޫހުގައި ޚިދްމަތްކުރި، ކުރީގެ ޚިދްމަތްތެރިންނަށް ހަނދާނީ ފިލައާއި، ހަވީރު ނޫހުގައި ޚިދްމަތް ކުރައްވާތާ ގިނަދުވަސްވީ މުވައްޒަފުންނަށްވެސް އެވޯޑް ދެއްވުން އޮތެވެ.