ދިވެހިވަންތަކަމާއި، ދިވެހި ޤައުމިއްޔަތާއި ޘަޤާފަތް ދައްކައިދޭ ‏ދިވެހި އުފެއްދުންތައް، ރާއްޖެއިން ބޭރަށް ދަތުރުކުރާ ‏‏ފަތުރުވެރިންނަށް ލިބޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ، ރާއްޖޭގެ ތަރައްޤީގައި ޙިއްޞާ ކުރާނެ މުހިންމު މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ސަބާ މޯލްޑިވްސްގެ އުފެއްދުންތައް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ވިއްކަންފެށުން އިފްތިތާޙު ކުރެއްވުމަށް، މިއަދު ހަވީރު، އެ އެއަރޕޯޓުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އެންމެ މުހިންމު އިސްކަމެއް ދެއްވަމުން ގެންދަވާނީ، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ރާއްޖެގޭ ހުރިހާ ރައްޔިތުން، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އަންހެންކަނބަލުންގެ ޙިއްޞާ އިތުރުކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގަޔާއި، އަދި ވިޔަފާރީގައި އަންހެންކަނބަލުންނަށް ވީހާވެސް ގިނަ ފުރުޞަތު ދެއްވުމަކީ، ސަރުކާރުގެ ވިސްނުންފުޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، އަންހެންކަނބަލުންގެ މަޤާމަކީ، ސަރަޙައްދީގޮތުންނާއި، ތަރައްޤީވެފައިވާ ޤައުމުތަކުގެ ނިސްބަތުން، ފަޚުރުވެރިވާފަދަ މަޤާމަކަށް ހެއްދެވުމަކީވެސް، މިއަދުގެ ސަރުކާރުގެ ވިސްނުންފުޅު ކަމުގައި އެމަނިކުފާނުގެ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ސަބާ ކޯޕަރޭޓިވްގެ ދަށުން، ރާއްޖޭގެ އިތުރު އެއަރޕޯޓުތަކުގައި، ރާއްޖޭގެ އަތްތެރި މަސައްކަތުގެ އުފެއްދުންތައް ގަންނަން ލިބެން ހުރުމަކީ، މިމަސައްކަތް އިތުރަށް ފުޅާވެގެންދާނެކަމެއްކަން ފާހަގަކުރެއްވިއެވެ. ‏އަދި، މިފަދަ ‏ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދެއްވެން އޮތް ހުރިހާ ‏‏އެއްބާރުލެއްވުމެއް ސަރުކާރުން އަބަދުވެސް ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު ވިދާޅުވިއެވެ. ‏

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިފަދަ މުހިންމު މަސައްކަތެއް ޙަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދަށާއި، ސަބާ މޯލްޑިވްސްއަށް ޝުކުރުއަދާކުރެއްވިއެވެ.
 ‏