ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޯން-ޕޯލް މޮންޗޯ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގަޔާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ކުރިއެރުމަކީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ދެ ދާއިރާކަން ފާހަގަކުރައްވަމުން، މި ކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކި މަސައްކަތްތަކާބެހޭ މަޢުލޫމާތު، ފަރަންސޭސި ސަފީރަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްވިއެވެ. އަދި ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުމަށް ސަރުކާރުން ރާއްވަވާފައިވާ ބައެއް ކަންކަމާބެހޭ މަޢުލޫމާތުވެސް ފަރަންސޭސި ސަފީރަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް މިހާތަނަށް އެކި ގޮތްގޮތުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ފަރަންސޭސި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި ފަރަންސޭސިވިލާތާ ދޭތެރޭ ޘަޤާފީ ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ.