‏ސެނެގާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ އަމަޑޫ ‏‏މުޞްތަފާ ޟިއޫފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ސެނެގާލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ‏‏އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. ‏

ރާއްޖެއާއި ސެނެގާލާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުންނާއި، ޚާއްޞަކޮށް، ޓޫރިޒަމާއި ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމުގެ ‏‏ދާއިރާއިން ގުޅުން އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ‏‏ސެނެގާލާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ސެނެގާލްގެ އާސަފީރުގެ ދައުރުގައި އިތުރަށް ‏‏ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

މިބައްދަލުކުރެއްވުމުގައި ސެނެގާލް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ‏‏ބޭނުންވާ ކަންކަމުގައި ސެނެގާލް ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ‏‏ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏ ‏