އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި ކުރިއަށްދާއިރު، އެންމެ މުހިންމު ސަމާލުކަމެއް ދޭން މިޖެހެނީ، އެ ޤައުމެއް ކުރިއަށް އޮތް ދުވަސްތަކުގައި ގެންދާނެ ބަޔަކު ތައްޔާރުކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އަދި މިއަދު އެ މުހިންމު ޒިންމާ، ކޮނޑުގައި އަޅުއްވައިގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނަކީ، ޚާއްޞަގޮތެއްގައި ތަޢުލީމީ ދާއިރާގެ ބޭފުޅުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އަތޮޅުތަކުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ، ނަސަންދުރަ ޕެލެސް ހޮޓެލްގައި ރޭ ބައްދަލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، އެއްވެސް ޤައުމެއްގައި، އަދި އެއްވެސް މުޖުތަމަޢެއްގައި، މުދައްރިސުންނާއި، ޕްރިންސިޕަލުންނަށްވުރެ ބާރުވެރި ބަޔަކު ނުތިބޭނެކަން އެއީ، މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށްވުރެ މުއްސަނދި، ނުވަތަ އަގުހުރި ބަޔަކު ނުތިބޭނެ ކަމަށާއި، އެއްވެސް އެއްޗެއް ޢިލްމަކަށްވުރެ ބާރުގަދަ ވެގެން ނުވާނެކަން އެއީވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މުޖުތަމަޢުތަކުގެ ކުރިއެރުމަކީ ޢިލްމު އުނގަންނައި ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މި ސަރުކާރުން ރާއްޖޭގައި ކުރިއަށް ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލައްވަމުން، މިދިޔަ ދުވަސްތަކުގެ ތެރޭގައި އަޅާ ނުލެވި ހުރި ވަރަށް ގިނަ މަޝްރޫޢުތަކެއް ހިމެނިފައިވާ ކަމަށް ވިދާޅުވެ، ޚާއްޞަގޮތެއްގައި މަދަނީ ތަޢުލީމުގެ ދާއިރާ، ތަޢުލީމީ މަންހަޖުގެ ތެރޭގައި ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ޚިޔާލު ތަފާތުވުމަކީ މައްސަލައެއްނޫން ކަމަށާއި، ނަމަވެސް އާންމު ތަންތާނގައި ބޭނުންކުރަން އެކަށީގެންނުވާފަދަ ބަހުރުވަތަކުން މުޢާމަލާތުކުރުންފަދަ، މުޖުތަމަޢުގެ އަޚްލާޤީ މިންގަޑަށް ނުފެތޭ ކަންކަން މިޤައުމުން ފެނިގެން ދިޔުމަކީ، ވަރަށް ހިތާމަހުރި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިއަދު މިހިންގޭ ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށާއި، ޚާއްޞަ ގޮތެއްގައި އާ މަންހަޖެއް ތަޢާރުފުވެގެންދާއިރު، އިސްލާމީ އަޚްލާޤިއްޔާތާއި ތަޢުލީމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި އެމަސައްކަތުގެ ތެރޭގައި ބެލެނިވެރިންނާއި ކުދިންނާއެކީގައި މިހާރަށްވުރެ ހަރުދަނާ ވެށްޓެއް ޤާއިމުކުރުމާއި، އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން މިއަށްވުރެ ރަނގަޅުކުރުމުގައި، ތަޢުލީމީ ދާއިރާގެ ބޭފުޅުންގެ އެހީތެރިކަމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.