ސަރުކާރުގެ އިސް އަމާޒަކީ، އަންހެނުންނަށް ޙަޤީޤީ ބާރުވެރިކަން ‏‏ހޯއްދަވައިދެއްވައި، ‏އިޤްތިޞާދީގޮތުންނާއި ‏‏ފައިސާގެގޮތުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކޮށްދެއްވުން ކަމުގައި ‏‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ‏އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ‏‏މުނާސަބަތުގައި މިއަދު ހެނދުނު ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އަންހެނުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އަތޮޅުތެރޭގައި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތުގައި ގިނަ އަންހެން ކަނބަލުންނަށް ފުރްޞަތު ލިބޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށްޓަކައި، ‏އިފާޑުން ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް ދޫކުރާ ލޯނުގެ 60 ޕަސެންޓް ޚާއްޞަ ކުރެވިފައި އެވަނީ އަންހެން ކަނބަލުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، މަސްވެރިކަމުގެ ދާއިރާއިން އާ އުފެއްދުންތެރިކަމަށް ދޫކުރާ ލޯނުގެވެސް 60 ޕަސެންޓް ޚާއްޞަ ކުރެވިފައިވަނީ އަންހެން ކަނބަލުންނަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުން ބާރުވެރި ކުރުމުގެ އެންމެ ވަރުގަދަ އެއް ވަސީލަތަކީ، ނޫނީ އެންމެ ވަރުގަދަ ވާސިޠާއަކީ، ތަޢުލީމު އުނގަންނައިދިނުންކަން ބަޔާންކުރައްވަމުން، އަންހެނުން ބާރުވެރިކުރުވުމަށް ތަޢުލީމު އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ މިހާރުގެ ތަޢުލީމީ ‏‏ސިޔާސަތަކީ، އެއްވެސް ކުއްޖަކު ބާކީ ނުކުރައްވައި، ހުރިހާ ކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދެއްވުން ކަމުގައި ވިދާޅުވިއެވެ. ‏މިގޮތުން، ‏މިދިޔަ އަހަރު އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 71 ޕަސެންޓް ކުދިންނަކީ އަންހެން ކުދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ދުނިޔޭގެ އެކިހިސާބުތަކުގައި އަންހެނުންގެ ޙައްޤުތަކުގެ މުހިންމުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މީގެ 100 ވަރަކަށް އަހަރުގެ ކުރިން ފެށިގެން އައިސްފައިވާކަން ބަޔާންކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް އަންހެނުން، ޙައްޤުތަކުން މަޙްރޫމް ނުކުރުމަށާއި، ތަޢުލީމް އުނގެނުމުގައި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ‏‏ހޯދައިދިނުމަށާއި، ޤާނޫނުހަދާ މަޖިލިސްތަކުގައި އަންހެނުންގެ ޙައްޤު ޙިމާޔަތް ކުރުމަށްޓަކައި، ‏‏އަންހެނުންގެ އަޑު އިއްވޭނެ ފުރްޞަތު ހޯދައިދިނުމަށް ‏ގޮވާލެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏މިޖަލްސާގައި، ‏ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި ޚިދުމަތްކޮށްދެއްވާފައިވާ ‏‏އަންހެނުންނަށް މިއަހަރުން ފެށިގެން ދެއްވަން ފެށްޓެވި ރެހެންދި އެވޯޑު މިފަހަރު ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި އެވޯޑު މިއަހަރު ލިބިވަޑައިގެންފައިވަނީ، އަލްފާޟިލާ ޖުވައިރިޔާ ވަޖުދީއަށާއި އަލްފާޟިލާ އާމިނަތު ނަޝީދާއަށެވެ.

އެވޯޑު ލިބިވަޑައިގެންނެވި ދެބޭފުޅުންނަށް ދެއްވި ގޮފިކޮޅު ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު ‏‏އިބްރާހީމެވެ. އަދި‏ ބޭންކް އޮފް މޯލްޑިވްސްގެ ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ހެލްތް ‏‏އެންޑް ޖެންޑަރ ޑޮކްޓަރ މަރިޔަމް ޝަކީލާ‏އެވެ.