މިފަހަރު ޗެލެންޖް ކަޕް އުފުލައިލުމަކީ، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޢަޒުމު ކަމަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައި، ޓީމަށް ހިތްވަރު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، އަންނަ ހަފްތާގައި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ، އޭ.އެފް.ސީ ޗެލެންޖް ކަޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާ، މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުލީއާގޭގައި ބޭއްވެވި މި ޙަފްލާގައި ރާއްޖޭގެ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވަމުން، މިފަހަރު ދިވެހިރާއްޖޭގެ ޤައުމީ ޓީމު އޭ.އެފް.ސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިނަމަ، އެއްމިލިޔަން ރުފިޔާގެ ހަދިޔާއެއް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ކުރުމަށްފަހު މުޅި ދިވެހިރައްޔިތުން އެއަށްވުރެ ބޮޑު ހަދިޔާއެއް ދިވެހި ޤައުމީ ޓީމަށް އަރުވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޭ.އެފް.ސީ ޗެލެންޖް ކަޕް ދިވެހިރާއްޖޭގައި ބޭއްވުމަށްޓަކައި ސަރުކާރަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވިކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ލިބުނު ކުރު މުއްދަތުގެ ތެރޭގައި، ދިވެހި ޒުވާނުންނަށްޓަކައި، ޤައުމު އެއްބައިވަންތަ ކުރުމަށްޓަކައި، އަދި ފުޓްބޯޅައަށްޓަކައި، އޭ.އެފް.ސީ ޗެލެންޖް ކަޕް ދިވެހިރާއްޖޭގައި ބޭއްވެވުމަށް ސަރުކާރަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާތްﷲގެ ރަޙްމަތްފުޅާއެކީ އެކަން ކާމިޔާބު ކުރެއްވިއްޖެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުޓުބޯޅައަށް، ނުވަތަ އޭ.އެފް.ސީ. ޗެލެންޖް ކަޕަށް ތައްޔާރުކުރެވުނު ސްޓޭޑިއަމްތައް ހެދުމަށް ސަރުކާރުގެ ބަޖެޓުން ކުރައްވާ ޚަރަދަކީ، މުސްތަޤްބަލަށްޓަކައި ކުރެވުނު އިންވެސްޓްމަންޓެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މުސްތަޤްބަލްގައި ރާއްޖޭގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެހެން މެޗްތައް ކުޅުމުގެ ފުރްޞަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަ ކުރިއަށްދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ފުޓްބޯޅައަށާއި ކުޅިވަރަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ސަރުކާރުގެ މެނިފެސްޓޯގައި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި އެކަށައަޅުއްވާފައިވާ އެކިއެކި ކަންކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ޙަފްލާގައި، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ޖަރޒީ، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން އޮތެވެ. ޤައުމީ ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިލްހާމް އަޙްމަދެވެ.