‏ދައުލަތުން، ރައްޔިތުންގެ ފައިސާއިން އެހާބޮޑު ހޭދައެއް ކުރައްވައިގެން ކުރެވޭ މަސައްކަތްތަކުގެ ‏‏ބޭނުން ފުރިހަމައަށް ހިއްޕެވުމަށް، ކައުންސިލުތަކުގެ މެންބަރުންނަށާއި ‏‏ރައްޔިތުންނަށް ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ އިލްތިމާސް ‏‏ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މާލެއަތޮޅު ތުލުސްދޫގެ ‏‏ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައި ދެއްވުމަށް މިއަދު ތުލުސްދޫގައި ބޭއްވެވި ‏‏ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‏

ބިން ހިއްކުމުގެ މަޝްރޫޢު ފަށްޓަވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްކެވި ވާހަކަފުޅުގައި، ތުލުސްދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު އުފެދިގެން އެދަނީ ‏‏ރައުސްމާލެއް ކަމަށާއި، މި މަޝްރޫޢު ނިމޭއިރު ރައްޔިތުންގެ އުންމީދުތަކެއްވެސް ހުންނާނެ ‏‏ކަމުގައި ވިދާޅުވިއެވެ. އަދި ތުލުސްދޫ ރައްޔިތުންގެ އުންމީދު ވެގެންދާނީ، ތުލުސްދުއަށް އިތުރު ‏‏ކުރިއެރުން ގެނެސްދޭނެ މަސައްކަތްތަކެއް ތުލުސްދޫގައި ފެށިގެންދިޔުންކަން ރައީސުލްޖުމްހޫރިއްޔާ ‏‏ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެއްކަމަކީ، ތުލުސްދޫގައި ދިރިއުޅެން ‏‏މިހާރު ދަތިވެފައިވާ ފަރާތްތަކަށް އުޅެވޭނެ ގޮތް ހަމަޖެހިގެން ދިޔުން ކަމަށާއި، އަނެއް ކަމަކީ ‏‏ތުލުސްދުއަކީ، ދަތުރުވެރިން ދަތުރުކުރާ މަގުގައި އޮންނަ ރަށަކަށްވާތީ، އޭގެ ބޭނުން ފުރިހަމައަށް ‏‏ހިފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

ސަރުކާރުގެ މަސައްކަތް ބިނާވެފައިވަނީ އިޤްތީޞާދު ވަރުގަދަކޮށް، ކުރިއަށް ‏‏ގެންދިޔުމުގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން، ‏‏އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިއެރުން ގެންނަ 5 އަހަރަށް އިރާދަކުރެއްވިއްޔާ، މި 5 އަހަރު ‏‏ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކުރެވޭ މަސައްކަތްތަކަކީ، ދައުލަތުން ރައްޔިތުންނަށް ‏‏ތަނަވަސްކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ގޮތުން ކުރެވެންހުރި ގިނަ ‏‏މަސައްކަތްތަކަކީ، ބިން ހިއްކައިގެން ކުރެވެންހުރި މަސައްކަތްތައްކަން ރައީސުލްޖުމްހޫރިއްޔާ ‏‏ފާހަގަކުރައްވަމުން، ހުޅުމާލޭ މަޝްރޫޢަށް އިޝާރާތް ކުރެއްވިއެވެ. ހުޅުމާލޭގައި މިހާރު ‏‏ތިރީސްހާހަށްވުރެ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅެމުންދާއިރު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ‏‏ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެ، އިޤްތިޞާދީ މަސައްކަތްތައް ތަނަވަސްވެގެން ދާންޖެހޭ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަޤްޞަދު ޙާޞިލު ކުރެއްވުމަށްޓަކައި، ‏‏އިރާދަކުރެއްވިއްޔާ ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަން ‏‏ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ހަމައެއާއެކު، ހުޅުމާލޭ މަޝްރޫޢު ނިމިގެންދާއިރު، ‏‏ސަރުކާރުގެ ބޭނުންފުޅަކަށްވާނީ، އަތޮޅުތެރޭގެ އާބާދީ މަދު އުންމީދެއް ނެތް ރަށްރަށުގެ ޒުވާނުން ‏‏އިރާދަކުރެއްވިއްޔާ ހުޅުމާލެއަށް ބަދަލުވެގެންދިޔުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. ‏
‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގަވާ އެކިއެކި ‏‏މަޝްރޫޢުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމަށް ތުހުމަތު ކުރެއްވޭނަމަ، އެންޓި-‏‏ކޮރަޕްޝަން ކޮމިޝަނުން އެކަން ބައްލަވަންޖެހޭނެ ކަމަށާއި، އެކަމަށް ސަރުކާރުން މަރުޙަބާ ‏‏ވިދާޅުވެ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، އެތައް ސަތޭކަ ‏‏މިލިއަނެއްގެ ޕްރޮޖެކްޓުތަކެއް ހިފެހެއްޓިގެން ދިޔައިމާ، އަދި އެ މަޝްރޫޢުތައް ކުރިއަށް ‏‏ގެންދިޔުމަށް ހުއްދަ ނުދެއްވާ ލަސްވާ ކަމަށްވަންޏާ، ސަރުކާރަށްވެސް ގެއްލުންތަކެއްވާ ކަމަށާއި ‏‏އެއީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައިވެސް ދަތިތައް ކުރިމަތިވާ ކަމެއް ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިފަދަ މަޝްރޫޢުތައް ‏‏ހިފަހައްޓަވާއިރު، އެ ކޮމިޝަނުން ވަކި މުއްދަތުތަކެއް ކަނޑައަޅުއްވައި، އެ މުއްދަތެއްގެ ތެރޭގައި ‏‏އެ ތަޙުޤީޤުތައް ކުރައްވައި ނިންމަވައި މަސައްކަތް ކުރިއަށް ގެންދެވޭނެ ޖާގަ ދެއްވަންޖެހޭ ‏‏ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ‏‏ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް އެއްބާރުލެއްވުން ދެއްވަންޖެހޭ ކަމުގައި ފާހަގަކުރައްވަމުން، ‏‏ރައްޔިތުންނާ ގުޅުންހުރި ބިލްތަކަށް ހުރަސް އަޅުއްވާނަމަ، އޭގެ ގެއްލުން ލިބިގެންދާނީ، ހަމަ ‏‏ރައްޔިތުންނަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތުލުސްދޫ ބިންހިއްކުމުގެ މަސައްކަތް ‏‏ނިމުމާ އެކުއެކީ، ރަށުގެ ބޭރު ތޮށިލުމުގެ މަސައްކަތް ކުރިއަށް ގެންދަވައި، ނަރުދަމާއާއި ‏‏އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށްރަށުގެ ‏‏ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސިޔާސީ ފިކުރަށް ނުބައްލަވައި، ސަރުކާރަށް ‏‏އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު، ތުލުސްދޫގައި ‏‏ތަކުރާރު ކުރެއްވިއެވެ. ‏