‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏އިންޑިޔާގެ ޗީފް ‏‏އޮފް އާރމީ ސްޓާފް، ޖެނެރަލް ބިކްރަމް ސިންގ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ‏ ‏

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ‏‏ބައްދަލުކުރެއްވުމުގައި، ‏ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން ‏‏އިތުރަށް ބަދަހިކުރެއްވުމާ ‏‏ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ‏ ވަކިން ޚާއްޞަކޮށް، ‏‏ދިފާޢީ އަދި ސަލާމަތީ ދާއިރާގައި ދެޤައުމުގެ އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ‏‎ ‎‏ބެހޭގޮތުން ‏‏ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ‏

ޖެނެރަލް ބިކްރަމް ސިންގގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިއާގެ މިލިޓަރީ ‏‏ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ‏‏އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް އިންޑިޔާ ސަރުކާރުން މަސައްކަތް ކުރައްވާނެ ‏‏ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ‏‎.‎

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ‏‏ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙަންމަދު ނާޒިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ‏‏މުޙައްމަދު ޙުސައިން ޝަރީފާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޑިޔާގެ ޗީފް އޮފް ދަ އާރމީ ސްޓާފުގެ އަރިހުގައި ގެންނެވި ‏‏ވަފުދުގައި ހިމެނިވަޑައިގަންނަވާ ބައެއް އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏