މާދަމާ، ސިންގަޕޫރުގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރުފަހު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ސަރުކާރުގެ ފަރާތުން ޕްރައިވެޓް ސެކްޓަރާ ގުޅިގެން، އިންތިޒާމްކުރާ މި ފޯރަމް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުން އޮންނާނީ، މާދަމާ ހެނދުނު ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މި ފޯރަމަކީ، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ވިސްނުން ހުރި ގޮތް، ބޭރުގެ ފަރާތްތަކަށް އޮޅުން ފިލުވައިދިނުމާއެކީގައި، ރާއްޖޭގައި ފަށަން ޚިޔާލު ކުރެވިފައިވާ ބޮޑެތި މަޝްރޫޢުތަކަށް، އެ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯއްދެވުމަށް ބާއްވަވާ ފޯރަމެއް ކަމުގައި ވިދާޅުވިއެވެ. މި ފޯރަމުގައި ސިންގަޕޫރުގެ އިތުރުން، 16 ޤައުމަކުން 200 ވަރަކަށް މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، ރާއްޖެގެވެސް ވަރަށް ގިނަ ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ ރާއްޖެ، އިޤްތިޞާދީ ދާއިރާއިން އަލަށް ތަޢާރުފުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަން ހާމަކުރެއްވިއެވެ. އަދި ސަރުކާރުން މި ކުރައްވާ މަސައްކަތުގެ ސަބަބުން، ބޮޑެތި މަޝްރޫޢުތަކަށް ކޮންމެވެސް ޝައުޤުވެރިކަމެއް އުފެދިގެންދިޔުން އެކަށީގެންވާ ކަމަށާއި، އިރާދަކުރެއްވިއްޔާ، މި ދަތުރަކީ ކާމިޔާބު ދަތުރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.