‏މިޞުރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު‏ މިސްޓަރ މަޙްމޫދު ހިޝާމް މުޙަންމަދު ‏‏އަސްރާން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުވައިފިއެވެ.‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، މިޞުރުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. ‏އަދި ރާއްޖެއާއި މިޞުރާ ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ‏‏މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ‏‏ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިޞުރު ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ‏‏ދާއިރާއަށް ވަރަށް ގިނަ ފުރުޞަތުތަކެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، މިވޭތުވެދިޔަ ‏‏އަހަރުތަކުގެ ތެރޭގައި އަލްއަޒްޙަރު ޔުނިވަރސިޓީއިން ވަރަށް ގިނަ އަދަދެއްގެ ދިވެހި ކުދިން މަތީ ‏‏ތަޢުލީމު ޙާސިލުކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިޞުރު ސަރުކާރުން ރާއްޖެއަށް އެކި ‏‏ރޮނގުރޮނގުން ދެއްވާ ތަޢުލީމީ ފުރުޞަތުތަކަށްޓަކައި ރަޢީސުލްޖުމްހޫރިއްޔާ، މިޞުރު ސަރުކާރަށް ‏‏ޝުކުރު އަދާކުރެއްވިއެވެ. ‏