ޖަޕާނުގެ ބޮޑުވަޒީރު މިސްޓަރ ޝިންޒޯ އަބޭގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.

މި އޭޕްރިލް މަހުގެ 14 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ޖަޕާނުގެ އެމްޕަރަރއާއި، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި، ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި މީގެއިތުރުން، ޖަޕާނުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ބައްދަލުކުރައްވައި، އިޤްތިޞާދީގޮތުން ޖަޕާނުން ލިބެންހުރި ފުރުޞަތުތައް ފުޅާކުރުމާ ބެހޭގޮތުން ރައީސް މަޝްވަރާ ކުރައްވާނެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ޖަޕާނަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ގިނަ ކަންތައްތަކުގައި އެހީ ދެމުން އަންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގައި މި ވަޑައިގަންނަވަނީ ޖަޕާނުގެ ސަރުކާރުގެ ފަރާތުންނާއި، ޕްރައިވެޓް ސެކްޓަރުން އެހީއަށް އެދޭނެ މަޝްރޫޢުތަކެއް އެކުލައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ތެރޭގައި އެއާޕޯޓް ބޮޑުކުރުމަށް ބޭނުންވާ ޓަރމިނަލްގެ މަސައްކަތްތައް ހިމެނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހިމެނިވަޑައިގަންނަވައެވެ.