ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިޔުޓީ ރެކްޓަރ، ޕްރޮފެސަރ ޑޮކްޓަރ ޢަބްދުލްޢަޒީޒް ބަރްޣޫޠު، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާގެ ސަރުކާރުންނާއި، އިސްލާމިކް ޔުނިވަރސިޓީން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއަކީ އަބަދުވެސް ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއްދޭ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެ، ސަރުކާރުގެ ތަޢުލީމީ ސިޔާސަތާބެހޭ މަޢުލޫމާތު، އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިޔުޓީ ރެކްޓަރއާ ޙިއްޞާކުރެއްވިއެވެ. މިގޮތުން، ޒުވާނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި، ޒުވާނުންނަށް ތަޢުލީމީ އަދި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ތަޢުލީމީ މަންހަޖު މުރާޖަޢާކޮށް، އަލުން އެކުލަވާލެވޭއިރު އެ މަންހަޖު ބިނާވެގެންދާނީ، އިސްލާމީ އަޚްލާޤިއްޔާތުގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިކަމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ އެކިއެކި ފިޔަވަޅުތަކާއި، ކުރިއަށް ރޭވިފައިވާ ކަންކަމާބެހޭ މަޢުލޫމާތު ދެއްވިއެވެ. އަދި، ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމުކުރުމަކީ މިމަސައްކަތުގައި އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވެ، މިކަމުގައި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ވެދެއްވޭނެ އެހީތެރިކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިޔުޓީ ރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމް ކުރުމުގައި އެ ޔުނިވަރސިޓީން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ދެއްވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް އެ ޔުނިވަރސިޓީން އިތުރަށް ކޮށްދެއްވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.