ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި، ފުލުހުން ކުރައްވާ މަސައްކަތްތަކަށް ހިތްވަރު ދެއްވުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ދިވެހި ފުލުހުންގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ އިސްކަންދަރު ކޮށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ފުލުހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރެއްވުމަކީ، ފުލުހުން ކުރައްވާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމެވެ. ހިތްވަރު ދެއްވުމެވެ. ދިވެހިރާއްޖޭގެ ވެށިން ކުށްމަދުކޮށް ކުށް ނައްތާލުމެވެ. ފުލުހުން ކުރާ މަސައްކަތްތައް ޙަޤީޤަތަކަށް ވެގެން މިއަންނަނީ، ޝަރުޢީ މަރުޙަލާއަށް ގޮސްގެންކަން ފާހަގަކުރައްވަމުން، މި ކަމުގައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ ދައުރެއް އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ޝަރުޢީ މަރުޙަލާތަކުން މި މައްސަލަތައް އަވަސްކަމާއި އިންޞާފާއެކު ނިމިގެންދާން އެބަޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ފުލުހުން ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވުމަށާއި، ފުލުހުން ކުރާ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ ޤާނޫނުތައް ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުންވެސް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ފުލުހުންގެ ހަރަކާތަކީ، ބާރުގެ ބޭނުން ހިފުން ނޫން ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ފުލުހުންގެ ޚިދުމަތަކީ، އަނިޔާވެރި ވެރިން ޙިމާޔަތްކުރުމެއް ނޫނެވެ. ފުލުހުންގެ ޚިދުމަތަކީ، އޭގެ ބަދަލުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމެވެ. ފުލުހުންނަކީ، އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކީގައި މީހުންގެ ފުރާނަ ސަލާމަތްކުރާ ބައެކެވެ. ލިބޭ ބޮޑެތި ގެއްލުންތައް މުޖުތަމަޢު ސަލާމަތްކުރާ ބައެކެވެ.
ފުލުހުން ކުރާ މަސައްކަތްތައް ޙަޤީޤަތަކަށްވެގެން އަންނަނީ ޝަރުޢީ މަރުޙަލާއަށް ގޮސްގެން ކަމާއި، ފުލުހުންނަކީ މިއަދު ދިވެހި ރައްޔިތުން ބަލައިގަންނަ ބައެއްކަން ފާހަގަކުރައްވަމުން، ދިވެހި ފުލުހުންގެ ބުރަސޫރައަށް މިއަދު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމުގައި ވިދާޅުވިއެވެ. ފުލުހުންނަކީ، ކެތްތެރިވާންޖެހޭ ވަގުތު ކެތްތެރިވާންޖެހޭ ބައެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންކުރާ މަސައްކަތަކީ، ޤާނޫނާ އެއްގޮތަށް ކުރާ މަސައްކަތެއްކަން ކޮންމެވެސް ދުވަހަކުން އެބަބެލޭކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންނަށް ފާޑު ކިޔާނޭ ކަމަށާއި، ފުލުހުންނަށް ފާޑު ކިޔަންވެސްވާނެ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު ބޭނުންވަނީ ފުލުހުންނަކީ، ޒިންމާދާރުކަމާއެކީގައި، އަދި އެމީހުން ކުރާ މަސައްކަތުގައި ފުންނާބު އުސް ބައެއްގެ ގޮތުގައި ދިވެހި ރައްޔިތުން ދެކެން. ކޮންމެ ބައެއްގެ މަސައްކަތަށްވެސް ކުރިއެރުމެއް އަންނާނީ، އެބަޔަކު ކުރާ މަސައްކަތާ ދޭތެރޭގައި ކޮންމެވެސް ކަހަލަ ފާޑުކިޔުމެއް އަމާޒުވެގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފާޑުކިޔުން އެންމެ ދޯޅު ފަރާތަކީ މީޑިއާކަން ބަޔާންކުރައްވަމުން، މީޑިއާގައި ފާޑުކިޔުން ފުލުހުންނަށް އަންނާނެ ކަމަށާއި، އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އަދުގެ ޙަޤީޤަތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފުލުހުންގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ޖަލްސާގައި، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ހަރަކާތްތެރިވަނިކޮށް ދިމާވި ހާދިސާއެއްގެ ސަބަބުން ޝަހީދުވެފައިވާ ފުލުހުން، އެވީ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކުގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެންނެވިއެވެ.
މި ޖަލްސާގައި، އާންމުންގެ ތެރެއިން ފުލުހުންގެ މަސައްކަތްތަކަށް ވޭތުވެދިޔަ އަހަރު އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ، އެ ފަރާތްތަކަށް ދެއްވީ އަދި ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި ޕޮލިސް ލައިފްގެ އަހަރީ ޢަދަދާއި، 2013 ވަނަ އަހަރުގެ މައްސަލަތަކުގެ ތަފާސް ހިސާބު ނެރުއްވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ.
މިރޭގެ ޖަލްސާގައި، ފުލުހުންނާ މުޚާޠަބު ކުރައްވައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ވާހަކަފުޅު ދެއްކެވިއެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. ޖަލްސާ ތަޢާރުފު ކުރައްވައި، މަރުޙަބާއާއި ޝުކުރު ދެންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.